އޭސީ މިލާންގެ ޖެނެރަލް މެނޭޖަރަކަށް ލިއެނާޑޯ ހަމަޖައްސައިފި

ބްރެޒިލްގެ މިޑްފީލްޑަރު ލިއެނާޑޯ --- ފޮޓޯ/ އޭޕީ

އިޓަލީގެ އޭސީ މިލާންގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ބްރެޒިލް ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު ލިއެނާޑޯ ހަމަޖައްސައިފިއެވެ.

ޖެނެރަލް މެނޭޖަރުގެ މަގާމުގައި ލިއެނާޑޯ އަދާކުރާނެ މަސައްކަތަކީ ޓެކްނިކަލް ޑިރެކްޓަރެއްގެ މަސައްކަތް ކަމަށް މިލާނުން ބުނެފައިވާ އިރު، އޭނާ ވަނީ 2009 ވަނަ އަހަރު އެޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ކްލަބުގެ ކޯޗު ކަމުގައި ހޭދަކުރީ އެންމެ އަހަރެކެވެ.

އުމުރުން 48 އަހަރުގެ ލިއެނާޑޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1997 ވަނަ އަހަރުން 2001 ވަނަ އަހަރާ ހަމައަށް އޭސީ މިލާނަށް ކުޅެފައެވެ. އޭނާ ވަނީ ކްލަބާއެކު ލީގު ތަށި އުފުލާލުމުގެ އިތުރުން ކޮޕާ އިޓަލިއާވެސް ކާމިޔާބުކޮށްފައެވެ.

އޭސީ މިލާނުން ބުނެފައި ވަނީ ލިއެނާޑޯގެ ހިންގުންތެރިކަމާއެކު ކްލަބަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ދަނޑުމަތިންވެސް އެކަމުގެ ކުރިއެރުންތައް ފެންނާނެ ކަމަށްވެސް އޭސީ މިލާނުން ބުނެފައި ވެއެވެ.

ޓީމުގެ ކޯޗުކަމާ މިދިޔަ ސީޒަންގައި ހަވާލުވި ގެނަރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން އޭސީ މިލާނުން ލީގު ނިންމާލީ ހަވަނައިގައެވެ. އެ ކްލަބަށް ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަނަށް ޖާގަ ލިބިފައިވާ އިރު، މިދިޔަ މަހުގައި ޔޫއެފާއިން ވަނީ އެ ކްލަބު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

ޔޫރަޕް ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ބުނީ، މިދިޔަ ސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފާގައި މިލާނުން ހޭދަކޮށްފައިވާ 200 މިލިއަން ޕައުންޑަކީ، އެ ކްލަބުގެ "ބްރޭކް އީވަން"އަށް ބޭނުންވާ އަދަދަށް ވުރެ ބޮޑު އަދަދެއްކަމަށްވާތީ، އެއީ ފައިނޭންޝަލް ފެއާޕްލޭ ރެގިއުލޭޝަންއާ ޚިލާފު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ޔޫއެފާގެ ސަސްޕެންޝަން، ކޯޓު އޮފް އާބިޓްރޭޝަނުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބާތިލުކޮށްފައެވެ. އެ ކޯޓުން ސަސްޕެންޝަން ބާތިލު ކުރުމާއެކު އޭސީ މިލާނަށް މިފަހަރުވެސް ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް