ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލަކަށް ޕަވާޑްގެ ގޯލް

ބެންޖަމިން ޕަވާޑް ވޯލްޑް ކަޕްގެ ތަށްޓާއެކު --- ފޮޓޯ/ އޭޕީ

ނިމިދިޔަ ފީފާ ވޯލްޑް ކަޕް 2018ގެ އެންމެ މޮޅު ގޯލަކަށް ފްރާންސްގެ ޒުވާން ޑިފެންޑަރު ބެންޖަމިން ޕަވާޑް، އާޖެންޓީނާ ކޮޅަށް ޖެހި ގޯލް ހޮވިއްޖެއެވެ.

ޕަވާޑް ޖެހި ގޯލަކީ ފްރާންސުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗުގައި ޖެހި ގޯލެކެވެ. ކަނާތް ފަޅިން ފަހަތަށް ކުޅުނު ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަސް، އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަށް ޕަވާޑް، ގޯލްގެ ކަނަށް ވައްދާލީ ބޯޅަ ވައިތެރޭގައި އޮއްވައެވެ.

ފީފާ ވެބްސައިޓްގައި ނެގި ވޯޓުގައި ގާތް ގަނޑަކަށް ތިން މިލިއަން މީހުން ވޯޓު ލާފައިވާ އިރު، އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ޕަވާޑްގެ ގޯލަށެވެ. އޭނާގެ ގޯލާ ގުޅިގެން އުމުރުން 22 އަހަރުގެ ޕަވާޑް ބުނެފައި ވަނީ އެގޮތަށް ބޯޅަ ގޯލަށް ވަންނާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.

"އަހަރެން ހީވެސް ނުކުރަން ބޯޅަ ގޯލަށް ވަންނާނެ ކަމަކަށް. އަހަރެން ބޯޅަ މައްޗައް ނާރާ ގޮތަކަށް ވިސްނާފަ ޖެހީ. ބޯޅަ ރީތިކޮށް ގޯލަށް ވަނީ،" ޕަވާޑް ބުންޏެވެ.

ޕަވާޑް ބުނީ އޭނާގެ ކުރިމަތީގައި ބޯޅަ ބައުންސްވި ހިސާބުން ގޯލަށް ފޮނުވާލަން ވިސްނި ކަމަށާއި، އަބަދުވެސް ގޯލަށް ބޯޅަ ޖެހުމުގައި ވިސްނަނީ ފޯވަޑުން ދޭ ނަސޭހަތް ކަމަށެވެ.

ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިރު، އެޓީމުގެ ޒުވާން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ވިދާލާފައެވެ. އެގޮތުން އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭއަށް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑު ހޯދާފައެވެ.

ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްތަކުގެ ލިސްޓްގެ ދެވަނަ ލިބިފައި ވަނީ ކޮލަމްބިއާގެ ކުއެންޓޭރޯސް ޖަޕާން ކޮޅަށް ޖެހި ރީތި ހިލޭ ޖެހުމެވެ. ތިންވަނަ ލިބިފައި ވަނީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް، އާޖެންޓީނާ ކޮޅަށް ދުރުން ޖެހި ގޯލެވެ.

comment ކޮމެންޓް