ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެފަހަރު ކުރި އިއުލާނުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ކުރިމަތިވިލުމަށް ހުޅުވާލާނީ އޮގަސްޓް ހަތަރު ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ.

ނަމަވެސް، މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އޮގަސްޓް 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ކުރިމަތިލާ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހެއެވެ. އަދި އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަށް ވެސް ވާންޖެހެއެވެ. މީގެ އިތުރުން ބުއްދި ހަމައަށް ހުރުމުގެ އިތުރުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރިތާ ތިން އަހަރު ވެފައިވާ މީހަކަށް ވެސް ވާންޖެހެއެވެ. މީގެ އިތުރުން، ކުރިމަތިލާ މީހާ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށްވެ ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ ފަރާތެއް ނަމަ އެކަން ދޫކޮށްލިތާ 10 އަހަރު ވާން ޖެހެއެވެ.

ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރާ މީހެއް ނަމަ އެ މީހަކަށް ތާއީދު ކުރާ 18 އަހަރުން މަތީގެ 1،500 މީހުންގެ ނަމާއި އެޑްރެސް އަދި ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

comment ކޮމެންޓް