"ސްޓެލްކޯ - ހުނަވަރު" ޕްރޮގްރާމް ފަށައިފި

ސްޓެލްކޯ އިން ހިންގާ "ސްޓެލްކޯ - ހުނަވަރު" ޕްރޮގްރާމްގެ ބައިވެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް ސްޓެލްކޯ އިން ހިންގާ "ސްޓެލްކޯ - ހުނަވަރު" ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަަ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފްތިތާހްކޮށް، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ގައުމެއްގެ އާބާދީގެ އެންމެ ބޮޑު ހިއްސާ އަކީ ޒުވާނުން ކަމަށާއި ގައުމެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބާރަކީ ޒުވާނުން ކަމަށެވެ.

ކޮންމެ ގައުމެއްގެ ތަރައްގީ އާ ތަހުޒީބާ، ގައުމު ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ހަކަތަ އަކީ ޒުވާނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޒުވާނުން މަސައްކަތުގެ ދާއިރާގައި ބާރުވެރިކުރުމާއި އަހުލުވެރިވުމަކީ ޒުވާނުންގެ ފަރާތުން މުޅި މުޖުތަމައުއަށް ގައުމު ބިނާކުރުމަށް މުހިއްމު ކަމެއް. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް،" އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ އުނގެނުމުގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ތިމާ އަކީ މުޖުތަމައުއަށް ބޭނުންތެރި ތިމާގެ ދިރިއުޅުން އާރާސްތުކުރެވޭ، ތިމާގެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެވޭ އަދި އޭގެ ސަބަބުން މުޖުތަމައު އަށް ފައިދާ ކުރާނެ މީހަކަށްވުން ކަމަށެވެ.

ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ދިނުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް އިސްނަންގަވައިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ސީއީއޯ ޒުހޫރު ވިދާޅުވީ މިއަދުން ފެށިގެން ކުރިއަށްދާ ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ވަގުތުތައް ރަނގަޅު ގޮތުގައި ބޭނުން ކުރަންވާނެ ކަމަށެވެ.

"މި ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއް. ޕްރޮގްރާމް ނިމޭއިރު ފާހަގަކޮށްލެވޭ ކުދިންނަށް މި ކުންފުނިން ވަޒީފާ ހަމަޖެހޭނެ،"

އަށާރަ އަހަރާއި 25 އަހަރާ ދެމެދުގެ 50 ކުދިންނާ އެކު ފެށި މި ޕްރޮގްރާމަކީ ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް