ރާއްޖެއަށް ސައުދީ އަރަބިއާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހައި ހުސްވެފައިވާ ކަމަށާއި، ހުސްވަންދެން ކަދުރު ދޫކޮށްފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
ކަދުރު ބަހާ ނިމިފައިވާކަމަށް މިނިސްޓްރީ އިން އިއުލާނު ކުރުމުން ގިނަ ބަޔަކު ވަނީ ކަދުރު ނުލިބޭ ކަމަށްބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
އިސްލާމިކް އެފެއާޒްގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން "ސަން" އަށް ވިދާޅުވީ ކަދުރު ދޫކޮށްފައިވާނީ ކޮންމެ ގޭބީސީ އަކަށް އެއް ޕެކެޓު މަގުން ކަމަށާއި ކަދުރާއި ހަވާލުވާން ކައުންސިލްތަކަށް ހުޅުވާލުމުން ކަދުރު ބަލާ އައި ކައުންސިލްތަކަށްވެސް ކަދުރު ދޫކޮށްފައިވާނެ ކަމަށެވެ.
"ފަންސާސް ޓަނުގެ ކަދުރު ލިބުނީ. ހުރިހާ ގެއަކަށް ނުލިބި ހުރެދާނެ ފަންސާސް ޓަނު ވީމަ. ފަސްޓް ކަމް ފަސްޓް ސާވް ބޭސިސް އިން ހަމަ ހުސްވަންދެން ކަދުރު ދޫކުރިން،" އަހުސަން ވިދާޅުވިއެވެ.
އާދިއްތަ ދުވަހު އިސްލާމިކް އެފެއާޒުން ބުނީ މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައިވާ ކަމަށެވެ. މީގެ ތެރެއިން އަތޮޅުތެރެއިން ޖުމްލަ 13052 ގޭބިސީއަށް ކަދުރު ބަހާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.