ސައުދީ އަރަބިއާގެ ކިންގް ސަލްމާން ހިއުމޭނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހާ ނިންމާލާފައިވާ ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ބުނީ ކަދުރު ބަހާފައިވަނީ މާލެ އާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ، އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭ އުޞޫލުން ކަމަށެވެ.
އިއްޔެގެ ނިޔަލަށް ކަދުރު ބަހާ ނިމިފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައިވާކަމަށްވެސް އިސްލާމިކް އެފެއާޒުން ބުނެއެވެ. މީގެ ތެރެއިން އަތޮޅުތެރެއިން ޖުމްލަ 13052 ގޭބިސީއަށް ކަދުރު ބަހާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
ސައުދީން މިދިޔަ އަހަރުވެސް ރާއްޖެއަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.