ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވޯޓުލާން ފަށައިފި

ޕީޕީޕީގެ ލީޑަރު ބިލާވަލް ބުއްޓޫ ޒަރުދާރީ (ކ)، ޕީއެމްއެލް-އެންގައި މިހާރު އިސްކޮށް ހުންނަވާ ޝެހެބާޒް ޝަރީފް އަދި ޕީޓީއައިގެ ލީޑަރު އިމްރާން ޚާން -- ފޮޓޯ: ފަސްޓްޕޯސްޓް

އިސްލާމްއާބާދު (ޖުލައި 25): ޕާކިސްތާނުގެ އާއްމު އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި ހަތަރު ޕްރޮވިންސެއްގެ މަޖިލީހަށް މެމްބަރުން ހޮވަން ހަމަޖެހިފައިވާ އެއިންތިހާބުގައި ވޯޓުލާން 106 މިލިއަން މީހުން ރެޖިސްޓާކޮށްފައިވެއެވެ.

އަދި އެއިންތިހާބުގައި މަޖިލީހުގެ ތިރީގޭގެ 272 ގޮނޑިއަށް 3,675 ކެނޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ކޯލިޝަނެއް ހެދުމަކާ ނުލައި، އެއް ޕާޓީއަކަށް އެގައުމުގެ ވެރިކަން ކުރެވޭނީ 137 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

އެ އިންތިހާބުގައި އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އާއި އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކް އީ އިންސާފް (ޕީޓީއައި)އެވެ.

އަދި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީ އިސްކޮށް ހުންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ދީނީ ޕާޓީތަކުގެ ކޯލިޝަން، މުއްތަހިދާ މަޖިލިސް އީ އަމާލް (އެމްއެމްއޭ)އިންވެސް މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

ޕީއެމްއެލް-އެންގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ކޮރަޕްޝަނުގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށްލުމާ ގުޅިގެން، އެޕާޓީގައި އިސްކޮށް ހުންނެވީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފެވެ.

ޕާކިސްތާނުގެ އިންތިހާބު ކުރިއަށްދާ އިރު ސަލާމަތަކީ ކަންތައްތައް ބެލެހެއްޓުމަށް 800،000އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ އިންތިހާބާ ދިމާކޮށް ބޭއްވި ކެމްޕެއިން ރެލީތަކަށް ދިން ހަމަލާތަކުގައި 179އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. (ބީބީސީ)

comment ކޮމެންޓް