ޕާކިސްތާުނުން ރާއްޖެއަށް މެކެނައިޒްޑް ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރަނީ

ޕާކިސްތާނުގެ ނޭވީ ޗީފް އެޑްމިރަލް ޒަފަރު މަހުމޫދު އައްބާސީ ރައީސް ޔާމީން އާ ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުން ރާއްޖެއަށް މެކެނައިޒްޑް ލޭންޑިން ކްރާފްޓެއް ހަދިޔާކުރަން ނިންމައިފި އެވެ.

ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ކަށަވަރު ކުރުމަށް ދިވެހި ކޯސްޓުގާޑުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ލޭންޑިން ކްރާފްޓެއް ހަދިޔާކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވީ ޕާކިސްތާނުގެ ނޭވީ ޗީފް އެޑްމިރަލް ޒަފަރު މަހުމޫދު އައްބާސީ އެވެ.

އެކަން އިއުލާނު ކުރެއްވީ އައްބާސީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ސަރަހައްދުގެ މެރިޓައިމް ސެކިއުރިޓީގައި ދެގައުމު ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން އައްބާސީ ވަނީ ރައީސް ޔާމީން އާއެކު މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކުރިއަށް އޮތް ތާނގައި ވެސް ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަޝްރަހުން ދެޤައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް