ޖަޒްލާން އެކްސިޑެންޓުވީ ސައިކަލު ކަހާލައިގެން، އުޅަނދެއްގައި ޖެހިގެނެއް ނޫން: ފުލުހުން

ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި، މުހައްމަދު ޖަޒްލާން ---

މި މަހުގެ 21 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ޅ.އޮޅުވެލިފުށި ހުވަނދުމާގެެ މުހައްމަދު ޖަޒްލާން އެކްސިޑެންޓުވީ އެއްވެސް އުޅަނދެއްގައި ޖެހިގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ޖަޒްލާން އެކްސިޑެންޓުވީ ސަރަހައްދުން އެހެން ސައިކަލެއްގެ ބައިތައް ފެނުނުކަމަށް ބުނެެ އޭނާގެ އެކުވެރިންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ.

"މި ހާދިސާ ހިނގި ސަރަހައްދުން ފުލުހުންގެ ތަހުގީގަށް އެއްކުރެވުނު މައުލޫމާތާއި އެސަރަހައްދުން ފުލުހުންނަށް ލިބުނު ސީސީޓީވީ ފޫޓޭޖަށް ބަލާއިރު، މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި އައިސް ބަމްޕަރު މައްޗަށް އަރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލު ނުވެގެން ކަހާލައިގެން ވެއްޓިގެން" ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓި ހިނގި އިރު ސައިކަލު ދުއްވަން އިނީ ޖަޒްލާނު އެކަނި ކަމަށާއި ހާދިސާ ހިނގާފައިވަނީ އިތުރު އެއްވެސް އުޅަނދަކުން ސައިލަކުގައި ޖެހިގެން ނޫން ކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޖަޒްލާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި ލައިސަންސް ނެތި ދުއްވައިގެން މީގެ ކުރިން ހަ ފަހަރެއްގެ މަތިންް އޭނާއަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ކުރަމުންދާ ތަހުގީގުތަކާ ގުޅޭގޮތުން އިތުބާރު ގެއްލޭ ގޮތަށް އަދި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެކްސިޑެންޓު ހިނގުމުން އޭނާ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ޖަޒްލާން މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާ އަށް ފަރުވާދެމުންދަނިކޮށް 21 ވަނަ ދުވަހުރޭ ދަންވަރު ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އޭނާގެ ކަންފަތުންނާއި ނޭފަތުން އަދި ސިކުޑިން ވެސް ލޭ އައިސްފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ޖަޒްލާނުގެ އެކުވެރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް