ޗެލްސީއަކީ ސިޓީއަށް އޮތް އެންމެ ބޮޑު ނުރައްކާ: ސާނޭ

ސިޓީގެ ޖަރުމަނު ފޯވަޑް ލެރޮއި ސާނޭ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗެލްސީ ކަމަށް ސިޓީގެ ތަރި ލެރޮއި ސާނޭ ބުނެފި އެވެ.

ސިޓީން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު، ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ސާނޭއަކީ މިދިޔަ ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. ސިޓީގައި ތަފާތު މޮޅު ކުޅުމެއް ސާނޭ ދައްކާފައިވީ ނަމަވެސް، އޭނާއަށް މާޔޫސްކަން ގެނުވީ ވޯލްޑް ކަޕަށް ނުކުތް ޖަރުމަނުގެ ސްކޮޑުން ބޭރު ކުރުމުންނެވެ.

މިވަގުތު ސިޓީއާ އެކު ޕްރި ސީޒަން ޓުއާގައި، އެމެރިކާގެ ނިއުޔޯކްގައި ހުރި ސާނޭ ބުނެފައި ވަނީ ޗެލްސީން ގެނައި ކޯޗަކީ ވަރަށް މޮޅު ކޯޗެއް ކަމަށާއި މިދިޔަ ސީޒަންގައި ނަޕޯލީން ދެއްކި ކުޅުމުގެ ތަފާތު ފެނުނު ކަމަށެވެ.

"ސާރީއަކީ ވަރަށް މޮޅު ކޯޗެއް. ސިޓީން މިދިޔަ ސީޒަންގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުތައް ވަރަށް ވަރަށް އުނދަގޫވި. ބަލާހިތްވާ ކަހަލަ ރީތި ފުޓުބޯޅައެއް ނަޕޯލީން ކުޅުނީ،" ސާނޭ ބުންޏެވެ.

ސިޓީން ވަނީ ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފަ އެވެ. ފުރަތަމަ ލެގު ސިޓީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގު ސިޓީން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ.

ސާނޭ ބުނެފައި ވަނީ ސާރީގެ ޓެކްޓިސްއަށް ވިސްނަން ޖެހޭނެ ކަމަށާއި ޗެލްސީ ބަލިކުރަން އުދަގޫވާނެ ކަމަށެވެ. އަދި އަންނަ ސީޒަންގައި ޕްރިމިއާ ލީގަށް ވާދަކުރަން ސިޓީއަށް ޖެހޭނެ ޓީމަކީ ޗެލްސީ ކަމަށް ވެސް ސާނޭ ބުންޏެވެ.

ސިޓީން އެމެރިކާގައި ޕްރި ސީޒަންގެ ތައްޔާރީތައް ކުރިއަށް ގެންދަމުންދާ އިރު، އެ ޓުއާގައި އެޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ބައިވެރިނުވެ އެވެ. ސާނޭ ފާހަގަކޮށްލެވެނީ އެންމެ ސީނިއާ އެއް ކުޅުންތެރިއާގެ ގޮތުގަ އެވެ.

ޗެލްސީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމާ ހަވާލުވެހުރި އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި ސާރީ ގެނެސް ފަރިތަކުރުންތައް ފަށާފައިވާ އިރު، ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

comment ކޮމެންޓް