ޗައިނާގެ އިގްތިސާދީ އަދި މާލީ އެހީތެރިކަމާއެކު އެފްރިކާއަށް ތަރައްގީގެ ފޮނި މީރުކަން އިޙްސާސްވަނީ!

ޝީ، ރުވަންޑާގެ ރައީސް ޕައުލް ކަގަމޭ އާއެކު

ޗައިނާއާއި އެފްރިކާގެ ގުޅުންތައް ފެންނަނީ ވަރަށް އުޖާލާ އަދި އުންމީދީ ގޮތަކަށެވެ. އެފްރިކާގެ ގައުމުތަކަށް ފައްޓަވާފައިވާ ދަތުރުުފުޅުގައި ޗައިނާގެ ރައީސް ވަނީ މިހެން ވިދާޅުވެފައެވެ.

ޝީ މިހެން ވިދާޅުވީ، އެފްރިކާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރުވަންޑާއަށް ވަޑައިގެން އެގައުމުގެ ރައީސް ޕައުލް ކަގަމޭ އާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައެވެ. މިއީ އެފްރިކާގެ މެދުތެރޭގައި އޮންނަ ރުވަންޑާއަށް ރައީސް ޝީ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ޝީ ވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ރުވަންޑާގެ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ޗައިނާއިން މާލީ ބޮޑެތި އެހީތެރިވެ ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޝީ ޒަޢާމަތުގައި ޗައިނާއިން ކުރިޔަށްގެންދާ ވަން ބެލްޓް ވަން ރޯޑް އިނިޝީއޭޓިވްގައި އެފްރިކާގެ ގިނަ ގައުމުތަކެއް ހިމެނޭއިރު ޗައިނާ ގެންދަނީ އެކަމަށް ބޭނުންވާ އިގްތިސާދީ އިންފްރާސްޓްރަކްޗަރ އެފްރިޚާގެ އެތަށް ގައުމެއްގައި ބިނާކޮށްދެމުންނެވެ. ވަން ބެލްޓް ވަން ރޯޑް އިނިޝީއޭޓިވްގައި ހިމެނޭ ގައުމުތަކުގައި އެކަމަށް ބޭނުންވާ އިގްތިސާދީ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށްޓަކައި 120 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ޗައިނާ ނިންމާފައިވާއިރު ރުވަންޑާގައި ހައިވޭތަކާއި ބްރިޖްތަކެއް ބިނާކުރުމާއި ފެކްޓަރީތަކެއް ބިނާކުރުން މީގެތެރޭގައި ހިމެނެއެވެ.

ބެލްޑް އެންޑް ރޯޑް މަޝްރޫއަކީ އޭޝިޔާ، އެފްރިކާ، އަދި ޔޫރަޕް އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން ގުޅާލުމަށް ޝީ އިސްނަންގަވައިގެން ކުރިޔަށްގެންދާ ވަރަށް އުންމީދީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން އޭޝިޔާ، އެފްރިކާ، އަދި ޔޫރަޕްގެ 60 އަށްވުރެ ގިނަ ގައުމުގައި ކަނޑުގެ ބަނދަރުތަކާއި ރޭލްވޭތަކާއި ހައިވޭތަކާއި ބްރިޖްތަކާ އަދި ހަކަތަ އުފައްދައިދޭ ސްޓޭޝަންތަކާއި ފެކްޓަރީތައް ޗައިނާއިން ބިނާކޮށްދޭނެއެވެ. އަދި މީގެތެރެއިން އިންފްރާސްޓްރަކްޗަރ ގިނަ ވަސީލަތްތަކެއް ޗައިނާގެ ކުންފުނިތަކުން މިހާރުވެސް ގެންދަނީ ބިނާކުރަމުންނެވެ. އެފްރިކާއަށް ބަލާއިރު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާ އެންމެ ބޮޑަށް އިންވެސްޓްކުރާ ގައުމުތަކުގެ ތެރޭގައި ސޫދާން، ޖިބޫތީ، އިތިއޮޕިޔާ، ޓެންޒެނިޔާ، ކެންޔާ އަދި ޔުގަންޑާ ފަދަ އިރުމަތީ އެފްރިކާގެ ގައުމުތައް ހިމެނެއެވެ.

ޝީ މީގެކުރިން އެފްރިކާއަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަޑައިގެންފައިވަނީ އިރުމަތީ އެފްރިކާގެ ގައުމުތަކަށެވެ. ނަމަވެސް މިފަހަރުގެ ދަތުރުފުޅު ޝީ ފެއްޓެވީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލް އިންނެވެ. ސެނެގާލްގައި ދެއްވި ބަޔާނެއްގައި ޝީ ވިދާޅުވީ ޗައިނާއާއި އެފްރިކާގެ ގުޅުންތައް ބަދަހިކުރުމުގެ ފައިދާ ވަރަށް އަވަހަށް އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމުގައެވެ. އަދި އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހުޅަނގު އެފްރިކާގެ ގައުމުތައް އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކުން ގުޅުވާލުމަށް ޗައިނާއިން އެހީތެރިވެ ދޭނެކަމަށްވެސް ޝީ ވިދާޅުވިއެވެ.

މިއީ އިރުމަތީ އެފްރިކާގެ ގައުމުތަކުގެ އިތުރުން ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ޗައިނާ ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށާއި ބެލްޓް އެންޑް ރޯޑްގެ ދަށުން އެފްރިކާގެ އިރުމައްޗާއި ހުޅަނގު ގުޅުވާލުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށް ޗައިނާ އިންވެސްޓް ކޮށްދޭނެކަމުގެ އިޝާރާތެއްކަން މުރާސިލުންވަނީ ފާހަގަކޮށްފައެވެ.

އެފްރިކާގެ ގިނަ ގައުމުތަކަކީ ގުދްރަތީ ވަސީލަތްތައް އިންތިހާއަށް ގިނަ ނަމަވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ އިލްމާއި ހުނަރާއި ތަމްރީން މަދު ގައުމުތަކެވެ. ޚާއްސަކޮށް ދިގު މުއްދަތަކަށް ހުޅަނގަށް ބަރޯސާވުމުގެ ސަބަބުން އެފްރިކާގެ ގައުމުތަށްވަނީ ފަގީރުކަމާއި ދާޚިލީ ހަނގުރާމަތަކާއި ހައިހޫނުކަމުގެ ޝިކާރައަކަށްވެފައެވެ. އެފްރިކާ އިސްތިއްމާރުކޮށްގެން އުޅުނު ޔޫރަޕްގެ ގައުމުތަކުން އެފްރިކާގެ ގައުމުތައް ތަރައްގީކޮށްދިނުމަށް އެހީތެރިވުމުގެ ބަދަލުގައި ގެންގުޅެމުން ގެންދިޔައީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ޝިޢާރުތައް ނެރެގެން އެފްރިކާގެ ގައުމުތައް އެކްސްޕޮލޮއިޓްކޮށް އެގައުމުތަކުން ނާޖާއިޒު ފައިދާ ނެގުމުގެ މަކަރުވެރި ސިޔާސަތެކެވެ. އެމެރިކާވެސް ގެންގުޅެނީ މިފަދަ އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސަތެކެވެ. ނަތީޖާއަކީ ފަގީރުކަމާއި ދާޚިލީ ހަނގުރާމަތަކާއި ހައިހޫނުކަމުގެ ޝިކާރައަކަށް އެފްރިކާގެ ގައުމުތަށްވެގެން ދިޔުމެވެ.

އެފްރިކާގެ ގައުމުތަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބަދަލުގައި އެމެރިކާއާއި ޔޫރަޕުން މަސައްކަތްކޮށްފައިވަނީ އެގައުމުތަކުގައިވާ ގުދްރަތީ މުއްސަނދިކަން ފޭރިގަތުމަށެވެ. އެފްރިކާގެ ތަކެތި އެފްރިކާގައި ޕްރޮސެސްކޮށް އެފްރިކާގައި އެތަކެތީގެ ސިނާއަތު ގާއިމްކޮށްދީ އެކަމަށްބޭނުންވާ މީހުން ތަމްރީން ކޮށްދިނުމުގެ ބަދަލުގައި ހުޅަނގުން ކުރި ވިޔަފާރިއަކީ ހެޔޮއަގުގައި އެފްރިކާގެ ރޯ މެޓީރިއަލް އެމެރިކާއާއި ޔޫރަޕަށް ގެންދިޔުމުގެ ނާޖާއިޒު ވިޔަފާރިއެވެ. މިކަމުގެ ސަބަބުން އެފްރިކާގެ ގިނަ ގައުމުތައް އަދިވެސް އޮތީ 1960 ގެ އަހަރުތަކުގައި ޔޫރަޕްގެ އިސްތިއްމާރުން މިނިވަންވިއިރު އޮތްހާލަތުގައެވެ.

މިހާލަތަށް ވެއްޓިފައިވާ އެފްރިކާގެ ގައުމުތަކުން މިހާރު ގެންދަނީ ޗައިނާގެ އިގްތިސާދީ އެހީތެރިކަމާއި އިންވެސްޓްމަންޓްތަކުގެ އެހީގައި މިހާލަތުން އަރައިގަތުމަށް މަސައްކަތްކުރަމުންނެވެ. ޗައިނާގެ އެހީތެރިކަމުގައި އެފްރިކާގެ ގިނަ ގައުމުތަކެއް ގެންދަނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރަމުންނެވެ. މިގޮތަށް ކުރާ މަސައްކަތުން އިތިއޮޕިޔާ އަދި ރުވަންޑާ، ޓެންޒެނިޔާ އަދި ކެންޔާ އާއި ޖިބޫތީ ފަދަ ގައުމުތަކުގެ އިގްތިސާދުވަނީ ކުރިޔާއަޅާބަލާއިރު އެތަށް ގުނައެއް މައްޗަށް ޖެހެން ފަށާފައެވެ.

comment ކޮމެންޓް