ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް އެފެއާޒުން ބުނީ މިއަދުން ފެށިގެން މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުން ކުރިއަށްދާނެ ކަމަށާއި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުން ކަމަށެވެ.
ގޭބިސީއަކަށް ކަދުރު ބަހާނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން ކަމަށާއި އެގޮތުން ގޭބިސީގެ ސައްހަކަން ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ، ގޭބީސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީ އާއެކު ކަދުރާ ހަވަލުވާ ފަރާތުގެ އައިޑީކާޑު ހުށަހެޅުމުން ކަދުރު ދޫކުރާނެ ކަމަށް އިސްލާމިކް އެފެއާޒުން ބުނެއެވެ.
މާލެ އާއި ވިލިމާލޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ހަވީރު ހަޔަކަށް ކަމަށާއި ހުޅުމާލޭގައި ކަދުރު ބަހާނީ އެޗްޑީސީން ކަމަށް އިސްލާމިކް އެފެއާޒުން ބުނެއެވެ.
ރަށްރަށުގައި ކަދުރު ބަހާނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް މެދުވެރިކޮށް ކަމަށާއި ކަދުރު ހުސްވަންދެން ބަހާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސައުދީން މިދިޔަ އަހަރުވެސް ރާއްޖެއަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.