ދެކުނުގެ ރަށަކަށް ނިސްބަތްވާ އެ ދެމަފިރިން، ބޮޑުގެއާއި އުފާވެރި ދިރިއުޅުން ދޫކޮށް ޖަލެއް ފަދަ ދިރިއުޅުމަށް ބަދަލުވީ އަސާސީ ހިދުމަތްތައް ލިބޭނެ، ފަހި އެހެން ގޮތެއް ނެތިގެންނެވެ. ކޮންމެ ހާލެއްގައި ވެސް ދަރިންނަށް ރަނގަޅު ތަރުބިއްޔައްތެއް ދެވިއްޖެ ނަމަ މާދަމާގެ މުސްތަގްބަލް އުޖާލާވާނެ ކަމުގެ ފޮނި އުންމީދުގަ އެވެ.
މާލެއަށް ހިޖުރަކުރުމާ އެކު ފައިސާ ހޯދޭނޭ މަގުތައް ވެސް ތަނަވަސްވެ އެވެ. ދަރިންނަށް ފުރިހަމަ ތައުލީމު ދިނުމުގެ މަސައްކަތް ވެސް ކުރެވެ އެވެ. އަމިއްލަ ރަށުގައި ނުދެކޭ ފަދަ ތަރައްގީ އާއި ތަހުޒީބު ވެސް ފެނެ އެވެ. އެހެނަސް، ކިތަންމެ ފޮނި އުންމީދެއްގައި ދިރިއުޅުން ބަދަލުކުރި ނަމަވެސް ބަދަލު ނުވާ ހާލަތެއް އޮވެ އެވެ. އެއީ ދިރިއުޅޭ ތަނުގެ ހާލަތެވެ. ދުވާލުދާ ހަތަރުދަމު ދެމަފިރިން މަސައްކަތްކޮށްގެން ލިބޭ ލާރި ދަނީ ގޭ ކުށްޔަށެވެ. ހަނޑުލާއި ހަކުރުގެ އަގު މައްޗަށް ޖެހުނަސް ކުއްޔައްދޭ ފަރާތުން އެބައި ފޫބެއްދުމުގެ ގޮތުން ހަތިޔާރަކަށް ހަދަނީ ގޭ ކުއްޔެވެ.
ގޭ ކުއްޔަކީ އަޖައިބެއް ފަދަ ބާރުގަދަ ހަތިޔާރެކެވެ. ބައެއް ފަހަރު ނިއުކުލިއާ ބޮމަކަށް ވުރެވެސް ނުރައްކާތެރި ހަތިޔާރެކެވެ. އެހެނީ، ބޯހިޔާވަހިކަމަކީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ޚިދުމަތެވެ. މިކަމަކާ ހެދި އެއްބަޔަކު އިންތިހާއަށް ނިކަމެތިވެ، އާއިލާތައް ރޫޅެމުންދާއިރު އަނެއް ބަޔަކު މުއްސަނދިކަމާއި އަރާމުގައި އުފަލުގަ އެވެ.
ކާޑުގެ ބާވަތްތައް ވިއްކާނެ ވަކި އަގަކާއި ޓެކްސީ ފަދަ ހިދުމަތްތައް ދޭނެ ވަކި އަގެއް ގަވައިދުން ކަނޑައެޅޭ އިރު އެންމެ ތުއްތު ކުއްޖާއިން ފެށިގެން ގޮސް އެންމެ އުމުރުން ދުވަސްވީ މީހާއާ ހަމައަށް، އެންމެންނާ ގުޅިފައިވާ ބޯހިޔާވަހިކަމަށް އެފަދަ ގަވައިދެއް ތަންފީޒު މިވަނީ ނުކުރެވި އެވެ.
"ކޮންމެ މީހަކު ވެސް ބަލަނީ ކޮންމެވެސް ކަމަކާ ގުޅިގެން އުފެދޭ ހާލަތެއްގައި ވެސް ކުލީގެ އަގު ބޮޑުކުރަން. މިސާލަކަށް ކާޑުގެ ސަބްސިޑީ ކަނޑާލީމަ ވެސް ކުއްލިއަކަށް ކުލި އަގު ބޮޑުކޮށްލީ. މިއީ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. އަންނަ ކޮންމެ ލޮޅުމަކަށް ކުއްޔަށް ބަދަލުގެނޭ،" ދައުލަތުގެ އިސްމަގާމެއްގައި މަސައްކަތްކުރައްވަމުން އަންނަ ދުވަސްވީ ބޭފުޅަކު ވިދާޅުވި އެވެ.
އަސާސީ ބޭނުން ފުއްދުމަށް މަޖުބޫރުވެގެން މާލެ ބަދަލުވުމާ އެކު މާލޭގައި ދިރިއުޅޭ ތަނަށް ދައްކަން ޖެހޭ "ކުލީގެ އަޅުންނަށް" ވެ، އެތަކެއް ބައެއްގެ މުޅި ދިރިއުޅުން އެވަނީ ވިއްސިވިހާލިވެފަ އެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވެސް ވަނީ އެއްކަލަ ގޭ ކުއްޔެވެ. މިއީ ގައުމީ މައްސަލައެކެވެ. ހިތާމައަކީ އެކަމަށް ހައްލެއް ނުލިބި ތަކުލީފްތައް އިތުރުވާތީ އެވެ.
މިކަމުގެ ސަބަބުން އިޖްތުތިމާއި މައްސަލައެއް!
ކެރިފޯރުންތެރިކަން ހުންނަ މީހާ ޒުވާން އުމުރުގައި ކައިވެނި ކުރުމަށް މާތްވެގެންވާ އިސްލާމްދީނުގައި ވެސް ބާރު އަޅައެވެ. ސަބަބުތައް ބައިވަރެވެ. އެކަން މިރާއްޖޭގައި ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެން މިދަނީ އިޖުތިމާއީ އެތައް މައްސަލައެއް ކުރިމަތިވުމެވެ. ޒުވާން އުމުރުގައި ކައިވެނީގެ ބޭރުން އިތްފަތްތެރިކަން ދޫކޮށްލުން އިންތިހާއަށް އާންމެވެ. ލަދެއް ބިރެއްނެތި ޖިންސީ ގުޅުންތައް ހިންގަނީ އެވެ.
"ކައިވެނި ކުރުމަށް ވިސްނާލުމުން ވެސް ހިތަށް އަރަނީ ކިހިނެއްބާއޭ މިހާ ކުލި ބޮޑު އިރު ކައިވެނި ކޮށްގެން މާލޭގައި އުޅެނީ. އެކަމަކު ދިރިއުޅުން ބިނާވެފައި މި އޮތްގޮތުން މާލެނޫން ތަނެއްގައި ދިރިއުޅެވޭކަަށް ނެތް،" 23 އަހަރުގެ ޒުވާނަކު ބުންޏެވެ.
ޝަހުވަތްތެރިކަން ކެތްނުވާ ފަރާތްތަކަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އެއް ކަމަކީ އަވަހަށް ކައިވެނި ކުރުމަށެވެ. އެގޮތަށް ހާލަތު މެދުވެރިވެ، ޒުވާން ޢުމުރުފުރާގައި ކައިވެނިކޮށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނޭ ފަދަ މާހައުލެއް ގާއިމް ކުރެވިއްޖެ ނަމަ ހަމަ ޔަގީނުން ވެސް މިފަދަ އެތައް މައްސަލަތަކެއް މަދުވާނެކަން ޔަގީނެވެ.
"އުޅޭނެ ތަނަކަށް ބަލާއިރު އެތައް ހާސް ރުފިޔާއެއް އެޑްވާންސަށް ދޭންޖެހޭ. މިވަރުން ކިހިނެއް މީހަކާ އިންނަނީ. ދެން އެންމެން ބުނާނެ ފައިސާ ފޮރުވާށޭ. މިހާރު ވެސް ގޭ ކުލި ދައްކާފައި ފޮރުވާނެ އެއްޗެއް ނޯވޭ،" އުމުރުން 22 އަހަރުގެ ޝިހާމް ބުންޏެވެ.
ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މާލޭގައި ދިރިއުޅޭ އިރު އެފަރާތްތަކަށް ބޭނުންވާ ގެދޮރު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިދައުރު ނިމެންވާއިރަށް ގެދޮރުގެ ކުއްޔަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު ވެސް ދަނީ ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިހާތަނަށް ނުހިންގާ ފަދަ ބިޔަ މަޝްރޫއުތަކެއް ކުރިއަށް ދާއިރު، ރައްޔިތުންވެސް ތިބީ ހަމަ ފޮނި އުންމީދެއްގަ އެވެ. ނަމަވެސް ތޮއްޖެހިފައިވާ މި މާލޭގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުންނަށް، ކުއްލިއަކަށް ގެދޮރު ހޯދައިދިނުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ނަމަވެސް، ހަމަހަމަ ސިޔާސަތުތަކެއްގެ ދަށުން ރަނގަޅު ގާނޫނުތަކަކާއި ގަވާއިދުތަކެއް އުފަން ކުރެވި، އެއަށް އަމަލުކުރާން ފެށިއްޖެ ނަމަ ބޯހިޔާވަހިކަމު ވެސް މައްސަލައަށް ވެސް، މިހާރުން މިހާރަށް ވެސް ހައްލެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށްވާއިރު އާންމު މީހާއަށް ލިބޭ އާމްދަނީ އެއްކޮށްހެން އެކަމަށް ޚަރަދު ކުުރަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަ ހެން ރާއްޖޭގައި ވެސް ގާނޫނަކުން ވިޔަސް އެކަން ކޮންޓްރޯލް ކުރަން އެބަޖެހެ އެވެ. އެކަމަކު އެކަން ވެސް ކުރަންޖެހޭނީ ކުއްޔަށް ދޭ ފަރާތްތަކަށް ވެސް އަދި އިގްތިޞާދީ ގޮތުން ވެސް ގެއްލުން ނުވާ ގޮތަކަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކުލީގެ އަގު ބޮޑުވެ އަތްނުފޯރާ ފަށަށް ދިއުމުން ގާނޫނަށް ބަދަލު ގެނެސްގެން ކުލި ލިމިޓްކޮށްފައި އެބަހުއްޓެވެ. އެގޮތުން ޖަރުމަނު ވިލާތުގައި ވެސް ވަނީ ގާނޫނަކުން ކުލި ކްންޓްރޯލް ކުރެވިފަ އެވެ. އެގައުމުގައި 2006 އިން ފެށިގެން އަމަލު ކުރަމުންދާ ގާނޫނުގައި ބުނާގޮތުން އަހަރަކު އެންމެ ބޮޑުކޮށް ވެސް ކުލި ބޮޑުކުރެވޭނީ ފަސް ޕަސެންޓަށެވެ.
ކުއްޔަށް ގެ ދޭނެ ކަމަށްބުނެ، އެތައް މަކަރެއް!
ގޭ ކުއްޔަކީ ބޮޑު ބުރައަކަށްވެފައިވާއިރު ހެޔޮ އަގުގައި ކުއްޔަށް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން "ފޭރޭ" މީހުން އެބައުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މާލޭގެ ގޭގޭ ވެރިންނެވެ. އަނެއް ބަޔަކީ ގޭގޭ ވެރިމީހުން އަތުން އެޕާޓްމަންޓްތައް ނަގައިގެން އެހެން މީހުންނަށް ކުއްޔަށްދޭ މީހުންނެވެ. މި ފަދަ އެތަށް ބައެއްގެ ޝިކާރައަކަށްވެ މައުސޫމު އެތައް ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް "އެމްބެޒުލްމެންޓް" ނުވަތަ މަކަރާއި ހީލަތް ހެދުމުގެ 479 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި މަކަރާއި ހީލަތުން އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަތައް ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.
އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން އޮފިސަރު ހުސައިން ޟިރާރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މެދާ ހިސާބުންނާއި އަހަރުގެ ފަހުކޮޅު މި ފަދަ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ކަންބޮޑުވާ މިންވަރަށް މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.
މިގައުމުގައި އެތައް ކަމަކަށް ގާނޫނުތައް ހެދިފައިވީ ނަމަވެސް ކުލީގެ މައްސަލަ ހައްލުކޮށް، ކުލި ވަކިވަރެއްގައި ކޮންޓުރޯލްކުރުމަށް ގާނޫނެއް ހެދިފައެއްނެތެވެ. ނަތީޖާއެއްގެ ގޮތުން މުއްސަނދިން މުއްސަދިވެ ނިކަމެތިން އިތުރަށް ނިކަމެތިވަނީ އެވެ. މިއީ ގައުމީ މައްސަލައަކަށްވާއިރު ގާނޫނަކުން ރައްޔިތުންނަށް ހައްލު ހޯދައިދޭން ޖެހެ އެވެ.
އަސާސީ ބޭނުންތަކަށް މާލެ އަންނަން މަޖުބޫރުވެފައިވާ ރައްޔިތުން "ކުލީގެ އަޅުންނަށްވެ" ލިބޭ ހާ ފައިސާ ކުއްޔަށް ހަރަދުކުރަމުން ދާތާ އެތަކެއް އަހަރު ފާއިތުވީ އެވެ. އިޖްތިމާއީ އެތަކެއް މައްސަލައެއްގެ ފެށުމަކީ ބޯހިޔާވަހިކަމަށް ވެފައިވާ އިރު، މިފަދަ ކަންކަން ހައްލު ނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.