ބީޓެކް ހޮސްޕިޓަލިޓީ ލެބް ހުޅުވި ފުރަތަމަ ސްކޫލަކަށް ބ. އަތޮޅު މަދަރުސާ!

ބ.އަތޮޅު މަދަރުސާގައި ބީޓެކް ލެބް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ބީޓެކް ހޮސްޕިޓަލިޓީ ލެބް ބ. ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގައި އިފްތިތާޙް ކޮށްފިއެވެ.

ބ. އަތޮޅު މަދަރުސާގައި ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ލެބް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ބީޓެކް ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީނާއި އެ ލެބް ހެދުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ފަރާތް ކަމަށްވާ ދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރެއިނޯލްޑް ޖޮހާންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރޭ ހުޅުވި ބީޓެކް ލެބް ހަދައިފައިވަނީ ރިސޯޓް ތަކުގެ ޑިޕާޓްމަންޓްތައް ފެންނަ ފަދަ ގޮތަކަށް، އަދި އެތަނުގައި ކްލާސްތައްވެސް ނަގައި ދެވޭނެ ގޮތަށް ކަމަށެވެ.

ބ.އަތޮޅު މަދަރުސާގައި ބީޓެކް ލެބް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ލެބް ޤާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސްއިން ކަމަށާއި، އެ މަސައްކަތަށް ފަންޑްގެ ގޮތުގައި -/5700 ޑޮލަރާއި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި އެރިސޯޓުން ފޯރުކޮށްދީފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ލެބަށް ބޭނުންވާ އޭ.ސީ އަދި ކޮމްޕިއުޓަރ ސިސްޓަމްސް ދީފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އަދި އެތަން ހެދުމުގައި އިތުރު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީ.ޓީ.އޭ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ބ. އަތޮޅު ސްކޫލުން އެ ފެށުނު ޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭފަދަ އަގުހުރި މަސައްކަތެއް ކަމުގައެވެ.

ބ.އަތޮޅު މަދަރުސާގައި ބީޓެކް ލެބް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަދި ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ދެކެވެމުންއައި ދެކެވުން މިހާރު ބަދަލުވެފައިވާ ކަމަށާއި، ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވެސް ޒޫޝާން ވިދާޅުވިއެވެ.

މިއަހަރުގެ އޯ ލެވެލްގެ ގަދަ ދިހައެއްގައި ބިޒްނަސް އެންޑް އެޑިއުކޭޝަން ޓެކްނޮލަޖީ (ބީޓެކް) ނިންމި ތިން ދަރިވަރަކު ވެސް ވަނީ ހިމެނިފައެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް، ސްކޫލު ތައުލީމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލި ބީޓެކް ޕްރޮގްރާމުގެ ފުރަތަމަ ސާނަވީ އިމްތިހާން ފުރިހަމަކުރީ މިދިޔަ އަހަރުއެވެ.

comment ކޮމެންޓް