ރޭ ރަސްމީކޮށް މާލޭގައި ހުޅުވި އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ރެސްޓޯރަންޓް ކޭއެފްސީ، މިއަދު އާންމުންނަށް ހުޅުވާލުމާ އެކު އެ ތަނަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
ޕިއްޒާ ހަޓް ވެސް ހިންގަމުން އަންނަ މާލެ ސްކޮއާ ނުވަތަ ގާކޮށި ފްލެޓު އިމާރާތުގެ ތިރީގައި ހުޅުވި 120 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް އާންމުންނަށް ހުޅުވާލީ މިއަދު 11:00ގައެވެ. އަދި ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭއެފްސީގެ ސްޕެޝަލް އެޑިޝަންގެ ޓީޝާޓް ބެހިއެވެ.
އެތަން ހުޅުވާލި ވަގުތު ވާރޭ ވެހެމުން ދިޔަ ނަމަވެސް، އެތައް ބަޔަކު އެތަނަށް ވަނުމަށް ކިޔު ހަދައިގެން ތިއްބެވެ.
"މިއީ އަޅުގަނޑުގެ ފޭވަރިޓް ފްރެންޗައިޒް. އެހެންވެ އެންމެ ފުރަތަމަ ކަސްޓަމަރުން ތެރޭގައި ހިމެނެން ބޭނުންވީ،" ކޭއެފްސީއަށް ވަނުމަށް ކިޔު ހަދައިގެން ހުރި މީހަކު ބުންޏެވެ.
ތެލުލި ކުކުޅުގެ އުފެއްދުންތައް ވިއްކުމަށް މަޝްހޫރު ރެސްޓޯރަންޓުން އެންމެ ފުރަތަމަ ހިދުމަތް ހޯދި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުނީ އެ ތަނުގެ ކާއެއްޗެހި، އެހެން ކޭއެފްސީ ރެސްޓޯރަންޓްތަކާއި އެއްގޮތަށް "ވަރަށް މީރު" ކަމަށެވެ.
"ރާއްޖޭގައި އާންމުކޮށް މި ހުންނަ ރެސްޓޯރަންޓްތަކާ އަޅާ ބަލާއިރު މިތަނުގެ އަގުތައް ބޮޑުކަމަށް އަޅުގަނޑަށް ފާހަގައެއް ނުވޭ،" އޭނާ ބުންޏެވެ.
މާލޭގައި ކޭއެފްސީ ހިންގަނީ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗ،ާ ގާމާ އައިލެންޑް ފުޑް ކުންފުނިންނެވެ.
އައިލެންޑް ފުޑަކީ، ރާއްޖޭގައި ޕިއްޒާ ހަޓް ވެސް ހިންގަމުން އަންނަ ކުންފުންޏެވެ. އަދި އަވައްޓެރި ސްރީ ލަންކާއާއި އިންޑިއާގައި ޕިއްޒާ ހަޓާއި ކޭއެފްސީ ރެސްޓޯރަންޓްތައް ހިންގަނީ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އިންނެވެ.
comment އައި
7 year 8 month ago
ދިވެހިން ތިބޭނީ ދިވެހިންގެ ގޮތުގަ އެކަން ބޭރު މީހުން ވަރަށް ރަނގަޅަށްވެސް ދަނޭ ދޯ؟