ސްޕެނިޝް ސުޕަރ ކަޕް މިފަހަރު އޮންނާނީ މޮރޮކޯގައި

ސްޕނިޝް ކަޕް ކުޅުމަށް ހަމަޖެހިފައިވާ އިބްނު ބަތޫތާ ސްޓޭޑިއަން ---

ސްޕެއިންގެ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ސްޕެނިޝް ސުޕަރ ކަޕް މޮރޮކޯގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިފަހަރުގު ސުޕަރ ކަޕް އެއް މެޗެއްގެ ގޮތުގައި ކުޅުމަށް ނިންމާފައިވާ އިރު، އެ މެޗު ކުރިން ކުޅެފައި ވަނީ ދެ ލެގުގެ މެޗެއްގެ ގޮތުގައެވެ. އޮގަސްޓް 12 ވަނަ ދުވަހު ސުޕަރ ކަޕް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗު އޮންނާނީ މޮރޮކޯގެ ޓަންގިއާގެ އިބްނު ބަތޫތާ ސްޓޭޑިއަމްގައެވެ.

މިއަހަރުގެ ސުޕަރ ކަޕްގައި ވާދަކުރާނީ މިދިޔަ ސީޒަންގައި ލޯކަލް ދެ މުބާރާތްވެސް ކާމިޔާބުކުރި ބާސެލޯނާއާއި ކަޕް ފައިނަލުން ބާސާ އަތުން ބަލިވި، ސެވިއްޔާއެވެ.

މިއީ 10 ސީޒަންގެ ތެރޭގައި ބާސާއިން ސުޕާ ކަޕް ކުޅޭ ނުވަ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސުޕަރ ކަޕްގައި ރެއާލްއާ ވާދަކޮށް ބާސާ ބަލިވީ އެގްރިގޭޓް 5-1ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕް 2026 ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްވެސް މޮރޮކޯ އިން ވަނީ ބިޑްކޮށްފައެވެ. މޮރޮކޯގެ ބިޑް ހައި ރިސްކް ކަމަށް ފީފާއިން ކުރިންވެސް ބުނެފައިވާ އިރު، ރަޝިއާގެ ވޯލްޑް ކަޕް ކުރިން ފީފާއިން ބޭއްވި ކޮންގްރެސްގައި ނެގި ވޯޓުން މޮރޮކޯގެ ބިޑް ވަނީ ނާކާމިޔާބުވެސް ވެފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ބާއްވާނީ އުތުރު އެމެރިކާގެ ތިން ގައުމެއް ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކަމަށް ފާސްކުރީ ފީފާގެ ކޮންގްރެސްގައި ނެގި ވޯޓުގެ 67 ޕަސެންޓް ވޯޓު ކާމިޔާބުކޮށްގެންނެވެ.

comment ކޮމެންޓް