ޖަރުމަނުގެ ފުޓުބޯޅަ ފެޑަރޭޝަނާއެކު ޖެހުނު ގިނަ މައްސަލަތަކެއްގެ ސަބަބުން މެސުޓް އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އާސެނަލްގެ މިޑްފީލްޑަރު އޮޒިލް ނެރުނު ރަސްމީ ބަޔާނެއްގައި އޭނާ ބުނެފައި ވަނީ ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން އޭނާއާ ދޭތެރޭ ކަންތައްތައް ބެހެއްޓި ގޮތުން ގައުމީ ޓީމަށް ކުޅެން އޭނާ ބޭނުން ނުވާ ކަމަށެވެ.
ވޯލްޑް ކަޕަށް ތައްޔާރުވަމުން ދަނިކޮށް، މިދިޔަ މޭ މަހު ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާއެކު އޮޒިލް ނެގި ފޮޓޯއަކާ ގުޅިގެން ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން އެކަން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޖަރުމަނުގެ ގިނަ ނޫސްވެރިންވެސް ވަނީ އޮޒިލްގެ ހިތުގައި ޖަރުމަނަށް އޮތް ލޯތްބާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.
އޮޒިލްއާއި މެންޗެސްޓާ ސިޓީގެ އިލްކޭ ގުންޑޮގާންވެސް ތުރުކީގެ ރައީސާއެކު ފޮޓޯ ނަގާފައިވާ އިރު، އޭރު އުރުދުގާން ދިޔައީ އޭނާގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި އޭނާގެ ކެމްޕޭނުގައި އެ ފޮޓޯ ބޭނުންވެސް ކޮށްފައިވެއެވެ.
އޮޒިލް ބުނެފައި ވަނީ އޭނާ އުރުދުގާންއާއެކު ފޮޓޯ ނެގީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި، ވޯޓަށް އޭގެ ސަބަބުން އަސަރުކުރާނެ ކަމަށް ނުބެލޭ ކަމަށެވެ. އަދި ތުރުކީއަކީ އޭނާގެ އުފަން ގައުމަށްވެފައި، އެގައުމުގެ ރައީސާއެކު ފޮޓޯއަކަށް ހުއްޓުމަކީ އޭނާއަށް ސަގާފީ ކަމެއް ކަމަށްވެސް އޮޒިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އޮޒިލް އިތުރަށް ބުނެފައި ވަނީ އޭނާގެ އުފަން ގައުމު ހަނދާން ނައްތާނުލާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހިތުގައި ޖަރުމަނަށް އޮތް ލޯބި އެ ފޮޓޯގެ ސަބަބުން މިނެކިރާލަން އުނދަގޫވާނެ ކަމަށްވެސް އޮޒިލް ބުނެފައިވެއެވެ.
އޮޒިލްގެ ރިޓަޔާމަންޓް އިއުލާން ކުރަމުން އޭނާ ބުނެފައި ވަނީ ޖަރުމަނު މޮޅުވާނަމަ އޭނާ ވަނީ ޖަރުމަނު މީހަކަށް ނަމަވެސް، ބަލިވާ ހާލަތު އޭނާ ވަނީ ހިޖުރަކޮށްފައިވާ ތުރުކީގެ މީހަކަށް ކަމަށެވެ. އަދި ސަޕޯޓަރުންގެ ފަރާތުން އޭނާއާއި އާއިލާއަށް މަރުގެ އިންޒާރުތަކާއި ނަސްލީ ގޮތުން ދިމާކުރުންތައް އައިސްފައިވާ ކަމަށްވެސް އޮޒިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖަރުމަނުގެ ގައުމީ ޓީމަށް އޮޒިލް ކުޅުން ހުއްޓާލާފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމަށް 90 އަށްވުރެ ގިނަ މެޗު ކުޅެދީ 23 ގޯލް ޖަހައިފައެވެ. އާއްމުކޮށް ގޯލަށް އެސިސްޓް ކުރުމަށް ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އޮޒިލް ވަނީ ގައުމީ ޓީމުގެ 40 ގޯލަށް އެސިސްޓް ކޮށްދީފައެވެ.
ޖަރުމަނު ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި އޮޒިލް ވަނީ ފަސް ފަހަރަށް ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.