ނަހުލާގެ 4426 އަދި ބޮސް އެނބުރި އޮލިމްޕަހަށް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ 4426 އަދި ބޮސްގެ އިތުރު ޝޯތަކެއް 2،3 ޖުލައި 2018ގައި ދެއްކުމަށް ވަނީ ހަމަޖެހިފައި --

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ) އެންމެ ފަހުން ތައްޔާރުކުރި ދެ ފިލްމު ކަމަށްވާ "4426" އަދި "ބޮސް" އެނބުރި އޮލިމްޕަސް ސްކްރީނަށް ގެނައުމަށް ތައްޔާތުވެއްޖެއެވެ.

ނަހުލާ އެންމެ ފަހުން ތައްޔާރުކުރި ދެ ފިލްމު ކަމަށްވާ "4426" އަދި "ބޮސް"ގެ އިތުރު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމާފައެވެ.

އަންނަ މަހުގެ ދޭއްގައި "4426"ގެ އިތުރު ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު ބޮސްގެ ޝޯ ދައްކާނީ އަންނަ މަހުގެ ތިނެއްގައެވެ.

މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑިން އެއް ބަތަލާ މަރިޔަމް އައްޒަ ލީޑު ރޯލުންް ފެނިގެންދާ އެ ފިލްމަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.

އައްޒަގެ އިތުރުން ފިލްމުގައި ޖުމައްޔިލް ނިމާލް، މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، ފަދަ ތަރިން ހިމެނެއެވެ.

"4426" އަކީ ނަހުލާއާއި އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އަންނަ މަހު ތިނެއްގައި އަޅުވާ "ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެއެވެ.

އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައިވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާންއެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލްވެސް ބޮސްއިން ފެނިގެން ދިޔައެވެ.

ނަހޫ ބުނީ މި މަހުގެ 26 އިން ފެށިގެން ދެ ފިލްމުގެ ޓިކެޓްވެސް އޮލިމްޕަހުން ވިއްކަން ފަށާނެ ކަމަށެވެ.

"4426 އަދި ބޮސްގެ ޕޭޖުން އޮންލައިންކޮށް ފިލްމުގެ ޓިކެޓް ބުކް ކުރެވޭނެ،" ނަހޫ ބުންޏެވެ.

comment ކޮމެންޓް