ކޭއެފްސީ އައުޓްލެޓެއް އަންނަ ހޯމަދުވަހު މާލޭގައި ހުޅުވަނީ

މާލޭ ސްކޮޔާ (ގާކޮށީ ޓާޓާ ފްލެޓު) ގައި، ޖުލައި 23ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކޭއެފްސީގެ އައުޓްލެޓް-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފައިވާ އެމެރިކާގެ ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން، ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ އައުޓްލެޓް، އަންނަ ހޯމަދުވަހު މާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އެބަ އާދެއެވެ.

މާލޭގައި ކޭއެފްސީ ހުޅުވަނީ، ބައިނަލްއަގުވާމީ ޕިއްޒާ ޗެއިން "ޕިއްޒާހަޓް"ވެސް ހުޅުވާފައިވާ، މާލެ ސްކޮއާ ފްލެޓު އިމާރާތުގައެވެ.

ކޭއެފްސީގެ ރަސްމީ ފޭސްބުކް ޕޭޖްގައިވާ ގޮތުން، ރާއްޖޭގައި ހުޅުވާ ފުރަތަމަ ކޭއެފްސީ އައުޓްލެޓްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ، މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00ގައެވެ.

ރާއްޖޭގައި ހުޅުވާ ފުރަތަމަ ކޭއެފްސީއަށް ޒިޔާރަތްކުރާ ފުރަތަމަ 100 ކަސްޓަމަރުންގެ ތެރޭން ކޮންމެ ކަސްޓަމަރަކަށްވެސް ކޭއެފްސީ ސްޕެޝަލް އެޑިޝަންގެ ޓީޝާޓެއް ލިބޭނޭ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ކޭއެފްސީ ހިންގާނީ، ޕިއްޒާ ހަޓްވެސް ހިންގާ، ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޕިއްޒާ ހަޓާއި ކޭއެފްސީއަކީ "ޔަމް"ގެ ސަބްސިޑަރީ ބްރޭންޑެކެވެ. ޓެކޯ ބެލް ވެސް ހިންގަނީ ޔަމްގެ ދަށުންނެވެ.

ގަމާ އައިލެންޑުން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ޔަމްގެ ދަށުން ހިންގާ ބްރޭންޑުތައް ރާއްޖެއަށް ގެންނާނެ ކަމަށެވެ. ޕިއްޒާ ހަޓް އަދި ކޭއެފްސީގެ އައުޓްލެޓުތައް މާލޭގެ އިތުރުން އާބާދީ ބޮޑެތި ރަށްރަށުގައި ހުޅުވާނެ ކަމަށް ގަމާ އައިލެންޑުން ބުނެއެވެ.

comment ކޮމެންޓް