ރެއާލްއިން ވިންސިއަސް ޖޫނިއާ ދައްކާލައިފި

ރެއާލް މެޑްރިޑުން ވިންސިއަސް ޖޫނިއާ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަނީ --- ފޮޓޯ/ ރެއާލް މެޑްރިޑް

އުމުރުން 18 އަހަރުގެ ބްރެޒިލް ފޯވަޑް، ވިންސިއަސް ޖޫނިއާ ރެއާލް މެޑްރިޑުން ދައްކާލައިފިއެވެ.

މިދިޔަ އަހަރު ތެރޭގައި ވިންސިއަސް ގެންދިއުމަށް ރެއާލްއާއި ބްރެޒިލްގެ ފްލެމިންގޯއާއެކު އެއްބަސްވުމަކަށް އައި ނަމަވެސް އޭނާ ކްލަބާ ނުގުޅި އެއް އަހަރު ހޭދަކުރީ 18 އަހަރު ނުވާތީއެވެ.

ރެއާލްއިން ވިންސިއަސްގެ ސޮއި ހޯދާފައިވަނީ 38.7 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިދިޔަ ސީޒަންގައިވެސް ވިންސިއަސް ވަނީ ފްލެމިންގޯއަށް 37 މެޗު ކުޅެދީ ހަތް ގޯލް ޖަހައިފައެވެ.

ހުނަރުގެ ގޮތުން ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވިންސިއަސް ރެއާލްއާ ގުޅުމާއެކު ކްލަބުގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ބުނެފައި ވަނީ ވިންސިއަސް އަކީ ބްރެޒިލްގެ އިތުރުން މުޅި ދުނިޔޭގެ ފުޓުބޯޅައިގެ މުސްތަގުބަލާވެސް ގުޅިފައިވާ ތަރިއެއް ކަމަށެވެ.

ރެއާލްއާ ގުޅުމާއެކު ވިންސިއަސް ބުނެފައި ވަނީ އުމުރުން އެންމެ 18 އަހަރުގައި ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް ދެވުމަކީ އުފަލެއް ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ ރެއާލްއަކީ އެންމެ ޝަރަފުވެރި ކްލަބު ކަމަށާއި، ރެއާލްއަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ދެކޭނެ ހުވަފެނެއް ކަމަށެވެ.

ބްރެޒިލުން 17 އަހަރުން ދަށުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ވިންސިއަސްއެވެ.

ފްލެމިންގޯގެ ޔޫތު ޓީމަށް ކުޅުމަށްފަހު ޓީމުގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗާއެކު، އެ ކްލަބުން ވަނީ ވިންސިއަސްގެ ކޮންޓުރެކްޓްގެ މުއްދަތު އިތުރުކޮށް ގަނެ ވިއްކުމުގެ މާއްދާގައި 25.8 ޕައުންޑްގެ އަގެއް ކަނޑައަޅާފައެވެ. ރެއާލްއިން އޭނާގެ ސޮއި ހޯދުމަށް ބޮޑު އަގެއް ހުށަހަޅަން މަޖުބޫރުވީ މި މާއްދާގެ ސަބަބުންނެވެ.

ރެއާލްއިން މިދިޔަ އަހަރު ވިންސިއަސްގެ ސޮއި ހޯދި އިރު، އޭނާގެ ސީނިއާ ކެރިއަރުގައި ކުޅެފައި ވަނީ އެންމެ 17 މިނެޓެވެ.

comment ކޮމެންޓް