2000 އަހަރުވީ ސަންދޯއް މިސްރުގައި ހުޅުވައިފި

މިސްރުން ފެނުނު ސަންދޯއް --- ފޮޓޯ: ބީބީސީ

މިސްރުން މިދިޔަ ހަފްތާގައި ފެނުނު 2000 އަހަރަށްވުރެ ގިނަ ދުވަސްވީ ސަންދޯއް ހުޅުވައިފިއެވެ.

އިއްޔެ މި ސަންދޯއް ހުޅުވި އިރު އޭގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑާއިި ރަތްކުލައިގެ ދިޔާ އެއްޗެއް ވަނީ ފެނިފައެވެ. ގްރެނައިޑުން ހަދާފައިވާ މި ސަންދޯކަކީ އެލެކްސަންޑާ ދަ ގްރޭޓްގެ ސަންދޯއް ކަމަށް މީގެ ކުރިން އާކިއޮލޮޖިސްޓުން ވަނީ ލަފާކޮށްފައެވެ.

މިސްރުން ފެނުނު ސަންދޯކުގައި ހުރި ހަށިގަނޑުގެ ބޯތައް --- ފޮޓޯ: ބީބީސީ

މި ސަންދޯކުގެ މަތި ހުޅުވުމަށް މިސްރުގެ އާސާރީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީގެ މަސައްކަތުން ސަންދޯކުގެ މަތި ފަސް ސެންޓިމީޓަރަށް ހުޅުވިތަނާ އޭގެ ތެރެއިން ކުނި، ނުބައި ވަހެއް ދުވި ކަމަށާއި އެހެންކަމުން ސަންދޯކުގެ މަތި ނެގުމަށް މިސްރުގެ އަސްކަރިއްޔާގެ އެހީވެސް ފަހުން ބޭނުންކުރި ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިސްރުން ފެނުނު ސަންދޯއް --- ފޮޓޯ: ރޮއިޓާސް

މި ސަންދޯކުގައިވާ "މަމީ"ތައް ކުނިވެފައިވާ ކަމަށާއި އެ ހަށިގަނޑުތައް "ކުނިނުވާގޮތަށް ހެދިފައި ނުވާތީ" މިހާރު އެ ސަންދޯކުގެ މަތި ނެގުމުން ބަލިމަޑު ކަމެއް ފެތުރިދާނެ ކަމުގެ ބިރު މިސްރުގެ ރައްޔިތުންގެ ހިތުގައި އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސްރުން ފެނުނު ސަންދޯއް --- ފޮޓޯ: ރޮއިޓާސް

މި ސަންދޯކުގައި ވަނީ އެއް އާއިލާއެއްގެ ތިން މީހުން ކަމަށާއި އެއީ ފިރުއައުނު ޒަމާނުގައި އެގައުމުގެ ސިފައިންގޭގައި މަސައްކަތް ކުރި ބަޔަކަށް ވެދާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ހަތާވީސް ޓަނުގެ އެ ސަންދޯކުގެ އުސްމިނުގައި ދެ މީޓަރު އަދި ދިގު މިނުގައި ތިން މީޓަރު ހުރި ކަމަށް ވެއެވެ. މި ސަންދޯކުގައި ތިބީ ކޮންބައެއްކަން ދެނެގަތުމަށް ކަށިތައް ދިރާސާ ކުރާނެއެވެ. އަދި އެއީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް އާކިއޮލަޖިސްޓުން ކުރާނެއެވެ.

comment ކޮމެންޓް