ގާސިމަކީ ކޯޓުތަކަށް ފަރިތަ އެންމެ ކުރު މަގުން އިންސާފާހަމަޔަށް ދާން ފަރިތަ ބޭފުޅެއް: ރައީސް

ސުނާމީ ބިނާ މައިޒާން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ގާސިމް(ވ) އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު-- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަކީ ކޯޓު މަރުހަލާއަށް ފަރިތަ އަދި އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވާސިލްވާން ދަންނަ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ސާބިތުވެ ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއްކޮށްފަ އެވެ. ނަމަވެސް ގާސިމް ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖެ ދޫކުރައްވައި ވަޑައިގެންފަ އެވެ.

ކްރިމިނަލް ކޯޓުން ގާސިމަށް ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ގާސިމަކީ މައުސޫމް ބޭފުޅެއް ނަމަ އެކަން ޝަރުއީ މަރުހަލާތައް ފުރިހަމަ ކުރައްވައި ސާބިތު ކޮށްދެއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ކޯޓު މަރުހަލާއަށް ގާސިމަކީ ފަރިތަ ބޭފުޅެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމަކީ ކޯޓުތަކުގައި ހިންގަވަން ފަރިތަ ބޭފުޅެއް. ގާސިމް އިބްރާހިމަކީ ކޯޓުތަކުން ނިމޭ ނަތީޖާއާ ދޭތެރޭގައި އެމަނިކުފާނުގެ ބަހެއް އޮވެގެން ނިމޭކަން އަމިއްލަ އިއުތިރާފުން ވިދާޅުވި ބޭފުޅެއް ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅޭ ގޮތުން. އެހެންވީމާ އެމަނިކުފާނަކީ ކޯޓު މަރުހަލާއަށް ފަރިތަ ބޭފުޅެއް. ކޯޓުތައް ހުރި ތަން އަދި ކޯޓުތައް ހިގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގާސިމް ފާޅުކުރެއްވި ނަމަވެސް އެކަމަށް ހުރަސްތަކެއް ހުރި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ޝަރުއީ މަރުހަލާ ފުރިހަމަ ނުކުރައްވައި އަމިއްލަ ފުޅަށް ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ހުރުމުން އެކަމަށް ރައީސް ޔާމީނަށް ހައްލެއް ހޯއްދަވައި ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ހުކުމެއްގައި ހުރި މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމުގެ އިތުރުން 65 އަހަރުން މަތީގެ މީހުނަށް ރިޔާސީ އިންތިހާބަށް ވާދަނުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދޮށީ އުމުރުގެ މީހުނަށް ރައީސްގެ މަގާމަށް ވާދަނުކުރެއްވޭ ގޮތަށް ފާސްކޮށްފައި ވަނީ ގާސިމްގެ ތާއީދާ އެކު އެމަނިކުފާނުގެ ވޯޓު ދެއްވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ތިން އަހަރުގެ ހުކުމަކީ ބޭއިންސާފުން އައި ހުކުމެއް ކަމުގައި ވާ ނަމަ އެކެމެއް އިސްތިއުނާފު ކުރަން ޖެހޭނެ. އެކަން އިސްތިއުނާފު ނުކުރައްވާ ނުކުރެއްވުމަކީ ރައްޔިތުންގެ ދަރުބާރުގައި ތިމަންނަ ކުށްކޮގެން ހުރި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގަތުން. އެއަކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް