ދިއްދޫގައި ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި

ދިއްދޫގެ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހު ކުރުން --- ފޮޓޯ: އެންވަޔަރަމެންޓް

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފިއެވެ.

މި މަޝްރޫއުތައް ނިމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ރަށުގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 52,762,229 ރުފިޔާއެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޮކްޓޯބަރ 2016 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިންމައި، 27 ނޮވެމްބަރު މަހުގައި ވަނީ ސިސްޓަމް ކޮމިޝަންކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގައި 20.15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް ދިއްދޫގެ 1،210 ގެއަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. ދިއްދޫގައި ބަހައްޓާފައިވަނީ 200 ޓަނުގެ ދެ އާރްއޯ ޕްލާންޓެވެ. މި އާރްއޯ ޕްލާންޓުތަކުން ދުވާލަކު 440 ކޮޑި މީޓަރުގެ ފެން އުފައްދައެވެ. މި އާރްއޯ ޕްލާންޓުން ތައްޔާކުރެވޭ ފެނާއި ފުރާޅުތަކުން ނަގާ ވާރޭފެން ރައްކާކުރުމަށްޓަކައި 3،765 ކޮޑި މީޓަރުގެ ފެން ރައްކާކުރެވޭނެ ޓޭންކެއް ވެސް އެ ރަށުގައި ވަނީ ބަހައްޓައިފައެވެ.

ފެން ތައްޔާރުކުރުމުގެ ނިޒާމުން އުފެދޭ ލޮނުފެން ބޭރުކުރުމަށް 420 މީޓަރުގެ އައުޓްފޯލް ހޮޅިވެސް ވަނީ އަޅާފައެވެ. މި ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ދިއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުގެ ބަޖެޓުގައި ހިމަނާފައިވަނީ 2016 ވަނަ އަހަރުއެވެ.

މި މަޝްރޫޢުއަށް ޖުމްލަ 16,981,390.80 ރުފިޔާ ހަރަދުކޮށްފައި ވާއިރު މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުއެވެގައެވެ. މިދިޔަ އަހަރުގެ ޖޫން މަހުމި މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން، ދިއްދޫގެ ގިރާ ސަރަޙައްދަށް 11,300 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ 450 މީޓަރުގެ ގިރާ ސަރަހައްދު ވަނީ ބޮޑު ހިލަ ޖަހައިގެން ހިމާޔަތްކުރެވިފައެވެ.

ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނަ ނިޒާމުކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ. އެ މަޝްރޫއުގެ ސަބަބުން ކުރިއަށް މި މޫސުމަށް އަންނަ ބަދަލުތަކުން ރަށާއި ރަށުގެ ރައްޔިތުން ރައްކާތެރިކަން ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރައީސް ދިއްދޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ މަގުހެދުމުގެ މަޝްރޫއުގެ ނިމުމާއި ހައުސިން ޔުނިޓްތައް ވެސް ވަނީ ހުޅުވައި ދެއްވައިފައެވެ.

އެ ރަށުގައި ތިން ކޮޓަރީގެ 250 ހައުސިން ޔުނިޓް ގާއިމްކޮށްފައިވާއިރު ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ދިއްދޫ މަގު ހެދުމުގެ މަސައްކަތް ކުރުމަށް 53 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެ ރަށުގެ 15 މަގެއްގައި ވަނީ ތާރު އަޅައިފައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ސްރީލަންކާގެ ސިއެރާ ކުންފުންޏާ ސަބް ކޮންޓްރެކްޓް ކޮށްގެންނެވެ.

comment ކޮމެންޓް