ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ވާދަކުރި މެޗު ނިއުއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފޯކައިދޫން ނިއުއަށް ވަރަށް ބޮޑަށް ނުރައްކާ ކުރި އިރު، ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ސާގިބު ހަނީފްގެ ކުޅުން ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ނިއުގެ ވަރުގަދަ ފޯވަޑް ލައިން ހިފެެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރީ ވެސް ފޯކައިދޫގެ ޑިފެންސާއި ކީޕަރެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ ފޯކައިދޫ ކުޅުނީ މެޗުން މޮޅުވުމުގެ ރޫހުގައި ކަމަށާއި ނިއުއަށް ވުރެ ބޮޑަށް ފޯކައިދޫން މެޗު ސީރިއަސްކޮށް ނެގި ކަމަށެވެ.
"ފޯކައިދޫ ކުޅުނީ މޮޅުވުމުގެ ރޫހުގައި. ވަރަށް ވަރުގަދަ ކުޅުމެއް ދެއްކި އެޓީމުން. ނިއުއަށް ވުރެ ބޮޑަށް މެޗު ސީރިއަސްކޮށް ނެގީ ފޯކައިދޫން. އަތޮޅު ތެރޭ ޓީމެއްވީމަ ނިއުއަަށް ފަސޭހަ ކޮށްލެވުނީ،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ ރޭގެ މެޗުގެ ނަތީޖާއާ ދޭތެރޭ އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި މެޗުން ދިމާވި ކަންތައްތަކުން ފިލާވަޅު ނަގާނެ ކަމަށެވެ.
"މެޗުގެ ކުޅުނު ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ. އެކަމަކު ކުރިއަށް ދިއުމަށް ލިބޭނެ ހިތްވަރެއް މިއީ. މެޗުން ގިނަ ކަންތައްތަކެއް ދަސްކޮށް ކުރިއަށް އޮތް ތަނުގައި ވީހާވެސް ގިނަ ޕޮއިންޓެއް ނަގަން ނުކުންނާނީ. އަންނަ ހަފްތާގައި ނިއުއަށް އޮތީ ބޮޑު މެޗެއް. އެ މެޗަށް ތައްޔާރުވާން ޖެހޭނެ ޓީމުން،" އޮސްކާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ނިއުއިން ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގަ އެވެ. އަންނަ ހަފްތާގައި ނިއު ނުކުންނަން ޖެހޭނީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް، އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ރޭގެ މެޗަށް ފަހު ފޯކައިދޫ ކޯޗު އަލީ ނިސްތާރު ބުނީ މެޗުގައި ފޯކައިދޫން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ މާޔޫސްކަމެއް ކަމަށެވެ.
މެޗުގައި ނިއުއަށް މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް ލިބުނު ފުރުސަތު އެޓީމުން ބޭނުން ކުރުމުން ދައްކައިދެނީ ނިއުގެ ފެންވަރު ކަމަށްވެސް ނިސްތާރު ފާހަގަކުރި އެވެ.
ފޯކައިދޫން އަންނަ ހަފްތާގައި ނުކުންނަން ޖެހޭނީ ބ. ފެހެންދުއާ ދެކޮޅަށެވެ.