"އެމްޑަބްލިއުއެސްސީ ރީސައިކަލްސް"ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް!

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ މިދިޔައަހަރުގެ މައުރަޒުން ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޑަބްލިޔުއެސްސީއިން ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގެ ތެރެއިން މިއަހަރުވެސް "އެމްޑަބްލިއުއެސްސީ ރީސައިކަލްސް" މުބާރާތާއި މައުރަޒު ބާއްވަން ވަނީ ނިންމާފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެހެން އެފަދަ މީހުންނަށް ޚާޢްސަ ކެޓަގަރީ އެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގައި މިދިޔަ އަހަރު ބައިވެރިކުރި ހުށަހެޅުމެއް. ތައްޔާރުކޮށްފައި ވަނީ ބޭނުން ނުކޮށް އުކާލާފައިވާ ޕްލާސްޓިކުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މި މައުރަޒުގައި ބައިވެރި ކުރާ އުފެއްދުންތަކަކަކީ ޕްލާސްޓިކްގެ އެކި ބާވަތްތައް ކަމުގައިވާ ޕްލާސްޓިކް ފުޅި، ޕައިޕު، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ އަދި ކޮތަޅު، ޝްރިންކް ފިލްމް އަދި ޕޮލިމާ ފަދަ އެއްޗެހި ބޭނުންކޮށްގެން އުފައްދާފައިވާ އައިޓަމް ތަކަށް ވާން ޖެހެއެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މައުރަޒުގައި "އޭ" ކެޓެގަރީ ގައި ހިމެނެނީ 13 އަހަރުން ދަށުގެ ކުދިންނާއި، 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުންގެ އިތުރުން ސްކޫލް ކެޓަގަރީއެވެ.

ކެޓަގަރީ "ބީ" އަކީ ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓެގަރީ އެކެވެ. މި ކެޓަގަރީ ހަތް ބަޔަކަށް ބަހާލެވެއެވެ. އެއީ ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިންޑްރޯމް، އޯޓިޒަމް، އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައެވެ.

މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކަށް ޖަޖް ކުރާނީ އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މި ފަނޑިޔާރުންގެ ޕެނަލްގައި ކުރެހުމާއި ފަންނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ.

އުފެއްދުންތައް ޖަޖު ކުރުމުގައި އުފެއްދުންތަކުގެ ކޮންސެޕްޓް، އޮރިޖިނަލްކަން، މަސައްކަތުގެ ހުނަރު އަދި އުފެއްދުމުގެ ބޭނުންތެރިކަމަށް ބަލާނެއެވެ.

މި މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން އުފެއްދުމެއް ހޮވައި ފައިސާގެ އިނާމް ދޭނެއެވެ.


މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރެއް އަދި ފަހެއް އަދި ހައެއްގައި ނޭޝަނަލް އާޓް ގެލަރީގައެވެ.

މައުރަޒާ ބެހޭ އިތުރު މައުލޫމާތު އެކަމަށް ޚާޢްސަ ވެންސައިޓު، recycles.mwsc.com.mv އިން ލިބޭނެ އެވެ.

comment ކޮމެންޓް