ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފި

ރޭ ކުޅުނު ފުރަތަމަ މެޗުގައި ކުޑަރިކިލި އަތުން މޮޅުވި ހިތާދޫ: އެ މެޗުން ހިތާދޫ މޮޅުވީ 7-1ގެ ނަތީޖާއަކުން --

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފިއެވެ.

މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ފެށުނު އެ މުބާރާތުގައި ރޭ ވަނީ ޖުމްލަ ހަ މެޗެއް ކުޅެފައެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ކުޑަރިކިލި އަތުން ހިތާދޫ މޮޅުވީ 7-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހިތާދޫން ޖެހި ހަތް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހައިޝަމް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަހްމަދު ހުސައިން ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދެވެ. ކުޑަރިކިލިގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ސަމާހުއެވެ.

ރޭގެ ދެވަނަ މެޗުގައި ތުޅާދޫ އަތުން އޭދަފުށި މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އޭދަފުށިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޝްރަފް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާނެވެ. ތުޅާދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންސަރާއި އިސްމަތެވެ.

ތިންވަނަ މެޗުގައި ފީވަށް އަތުން ބިލެއްފަހި މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބިލެއްފަހިން ޖެހި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާދަމް ހަލީމެވެ.

ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ކުޑަފަރީ އަތުން މަނަދޫ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މަނަދޫން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން ނާއިފް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝިޔާޒާއި މުހައްމަދު ފާތިހު އަދި ލިރާރް ހަމީދެވެ. ކުޑަފަރީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝިޔާމެވެ.

ގުރައިދޫއާއި މާފުށި ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ގުރައިދޫން ޖެހި ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ޝުއޫން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސޮލާހެވެ. އެ މެޗުގައި މާފުށިން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އިމްރާނެވެ.

ރޭ ކުޅުނު މެޗުގައި ގުޅި އަތުން ހިންމަފުށި މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ހިންމަފުށިން ޖެހި ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަތުސާން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔާސުރެވެ. އެ މެޗުގައި ގުޅިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ރިއުމާނާއި މުހައްމަދު އަނޫޝްއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރާނެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެ މުބާރާތުގައި މިރޭ ކުޅޭ މެޗުތައް:

20:00 މަކުނުދޫ – ނައިވާދޫ

20:00 ނޭކުރެންދޫ – ކުމުންދޫ

21:00 ނޮޅިވަރަންފަރު – ހަނިމާދޫ

21:00 އަލިފުށި – އިނގުރައިދޫ

22:00 ތިނަދޫ – ގައްދޫ

22:00 ވާދޫ – މަޑަވެލި

23:00 ދާންދޫ – ކަނޑުހުޅުދޫ

23:00 ނައިފަރު - ހިންނަވަރު

comment ކޮމެންޓް