ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެމްބާޕޭ ދީފި

ކީލިއާން އެމްބާޕޭ ވޯލްޑް ކަޕް ތައްޓާއެކު -- ފޮޓޯ: ގެޓީ އިމޭޖަސް

ރަަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި، އުމުރުން 19 އަހަރުގެ ފްރާންސް ތަރި ކީލިއާން އެމްބާޕޭ ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީ ދޫކޮށް ނުދާނެ ކަމަށް އޭނާ ބުނެފިއެވެ.

ސްޕެއިންގެ ގަދަ ބާރެއް ކަމަށްވާ ރެއާލް މެޑްރިޑްގެ ލެޖެންޑު ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅުމާއެކު ރެއާލުން މިހާރު ދަނީ އޭނާގެ ބަދަލުގައި އެ ކްލަބަށް ދުނިޔޭގެ ފެންވަރުގެ ތަރިއެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ރޮނާލްޑޯގެ ބަދަލުގައި ރެއާލުން ގެންދާނީ އެމްބާޕޭ ކަމަށް ބޭރުގެ ރިޕޯޓުތައް މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރޭގެ ފައިނަލް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ އޭނާ ކުރިއަށްދާނީ ޕީއެސްޖީއާއެކު ކަމަށެވެ.

ފާއިތުވި ސީޒަނުގައި އެމްބާޕޭ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އެ ކްލަބުން އޭނާގެ ޓްރާންސްފާ މިސީޒަންގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެއެވެ.

މިދިޔަ ސީޒަންގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް 21 ގޯލު ޖަހައިދީފައެވެ. އޭނާ ޕީއެސްޖީގައި ވިދާލި ނަމަވެސް އޭނާގެ ވިދުން އިތުރަށް ގަދަވެގެން ގޮސްފައިވަނީ ނިމިގެންދިޔަ ވޯލްޑް ކަޕުގައެވެ.

ވޯލްޑް ކަޕުގައި ފްރާންސުން ވަރުގަދަ އާޖެންޓީނާ ކަޓުވާލި މެޗުގައި އެމްބާޕޭ ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދެއްކިއެވެ. އަދި ފައިނަލް މެޗުގައި ވެސް އޭނާ ވަނީ ރީތި ގޯލެއް ކާމިޔާބު ކޮށްފައެވެ. ވޯލްޑް ކަޕުގައި އޭނާ ޖެހި ގޯލުގެ އަދަދަކީ ހަތަރެކެވެ.

އެމްބާޕޭ އަކީ މިހާރު ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑުޖެހި ކުޅުންތެރިންގެ ތެރެއިން ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔަކީ ބްރެޒިލް ލެޖެންޑް ޕެލޭއެވެ. ވޯލްޑް ކަޕް 1958ގައި ޕެލޭ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރެވެ.

comment ކޮމެންޓް