ފަހުގެ ތާރީހެއްގައި ފުޓުބޯޅަ ދަނޑުމަތިން ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރަކީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗެވެ. އޭނާ އެކަން ސާބިތުވެސް ކޮށްދީފިއެވެ.
ކްރޮއޭޝިއާއިން ވޯލްޑް ކަޕެއްގެ ފައިނަލް ފުރަތަމަ ފަހަރަށް ކުޅުނު އިރު، ޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކުޅުންތެރިއެކެވެ. "ރަން ޖީލުގެ" ކޮންމެ ކުޅުންތެރިއަކީވެސް ކްރޮއޭޝިއާގެ ފަހުރެކެވެ. އޭގެ ތެރެއިންވެސް ހާއްސަ ވަނީ ކެޕްޓަން މޮޑްރިޗެވެ. ވޯލްޑް ކަޕްގެ ރަން ބޯޅަ ހޯދައި، މުޅި މުބާރާތުގައިވެސް ކްރޮއޭޝިއާ ގޮވައިގެން ކުރިއަށް ދިޔައީ އޭނާގެ ހިތްވަރެވެ.
ދަނޑުމަތީގައި އަހުލާގު ރަނގަޅު، ޒުވާން ކުޅުންތެރިންނަށް ނަމޫނާ ލީޑަރު މޮޑްރިޗް، މިއަދު ހުރި ޝަރަފުވެރި މަގާމާ ހަމައަށް އޭނާ ކުރީ ދިގު ދަތުރެކެވެ. އާއިލާއެކު މަރަށް ހަނގުރާމަކޮށް، އަމިއްލަ ވަޒަނުން ހިޖުރަކުރަން ޖެހުނު ހިސާބަކީ މޮޑްރިޗްގެ ފެށުމެވެ. ހަނގުރާމައާއި ހަލަބޮލިކަމުގެ ތެރެއިން މޮޑްރިޗް ކުރި ދަތުރަކީ އިބްރަތް ހާސިލްކުރަން ހައްގު ދަތުރެކެވެ.
"ހަނގުރާމަ ފެށުމާއެކު އަހަރެމެންވީ ރެފިއުޖީންނަށް. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް،" 2008 ވަނަ އަހަރު މޮޑްރިޗް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.
މޮޑްރިޗްގެ އުމުރުން ހަ އަހަރު ތެރޭގައި އަމިއްލަ ވަޒަން، މޮޑްރީސީ ދޫކޮށް އޭނާއަށް ހިޖުރަކުރަން ޖެހުނެވެ. ޔޫގޯސްލޯވިއާއަށް ނިސްބަތްވާ ސާބިއާގެ މިލިޓަރީ އަމަލަތުގެ ތެރޭގައި މޮޑްރިޗްގެ ކާފަ ގަޔަށް ބަޑިޖަހައި މަރާލާފައިވާ އިރު، ދިރިއުޅެމުންދިޔަ ގެދޮރު އަންދާ އަޅިއަށް ހަދާލީ ކުރިމަތީގައެވެ.
"އަހަރެމެންގެ އާއިލާއިން ހިޖުރަކުރީ ޒަޑާރަށް. އަހަރެމެން އުޅުނީ ހޮޓަލެއްގައި. ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި. އެކަމަކު ރަނގަޅަށް ނުކައި އުޅެން ޖެހުނަސް ފުޓުބޯޅަ އެންމެ މުހިއްމުވާނީ. އަހަރެން ހަނދާން ހުރޭ އަހަރެންގެ ފުރަތަމަ ބޫޓާއި ފުރަތަމަ ކަށިމަތި މަތިންވެސް. އޭގައި އިންނާނެ ރޮނާލްޑޯ (ބްރެޒިލް)ގެ ފޮޓޯއެއްވެސް ޖަހައިފަ،" ރެފިއުޖީއެއްގެ ގޮތުގައި މޮޑްރިޗް ހޭދަކުރި ދުވަސްތައް އޭނާ ކިޔައިދީފައިވެއެވެ.
ހަނގުރާމައިގެ ތެރެެއިން މޮޑްރިޗަށް ލިބުނީ އިތުރު ހިތްވަރެކެވެ. ފުޓުބޯޅައަކީ ޒަރޫރީ ކަމަކަށް ވެފައި އޮތް އިރު، އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ފަރިތަކުރީ ޕާކްތަކާއި ހުސް ބިންތަކުގައެވެ. ބޮމާއި ބަޑީގެ ވަޒަންތަކުގެ އަޑުން ގުގުމާލެވިފައިވާ މާހައުލެއްގައެވެ.
މޮޑްރިޗް ދިރިއުޅެމުންދިޔަ ޒަޑާރްގެ ޔޫތު ސިސްޓަމްގެ ތެރެއިން ކުރިއަރައިގެން އައި މޮޑްރިޗްގެ ހުނަރު އިޝްތިހާރުވީ ޑައިނަމޯ ޒަގްރޭބްގައެވެ. ކްރޮއޭޝިއާ ގައުމީ ޓީމުގެ 15 އަހަރުން ދަށުގެ ޓީމުން ފެށި މޮޑްރިޗް، ސީނިއާ ގައުމީ ޓީމަށް ފުރަތަމަ ނެގީ 2006 ވަނަ އަހަރު ޑައިނަމޯ ޒަގްރޭބަށް ކުޅެނިކޮށެވެ. މިއަދާ ހަމައަށް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ މޮޑްރިޗްގެ ނަން ޔޫރަޕަށް މަޝްހޫރުވީ 2008ގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ބަދަލުވުމާއެކުގައެވެ.
ޓޮޓެންހަމްއާއެކު ކާމިޔާބު ހަތަރު ސީޒަން ހޭދަކުރުމަށްފަހު މޮޑްރިޗް މިސްރާބު ޖެހީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކްލަބުގެ ޝަރަފުވެރި ދަނޑާ ދިމާއަށެވެ. ޕާކްތަކުގައި ކުޅެން ފެށި މޮޑްރިޗް، ރެއާލް މެޑްރިޑްގެ ސަންތިއޭގޯ ބަރްނަބޭއޫއާ ހަމައަށް ގޮސް ހުއްޓުނީކީ ނޫނެވެ. އޭނާގެ ވިދުން އެ ކްލަބާއެކު އިތުރަށް ގަދަވިއެވެ. ރެއާލްއާއެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލާފައިވާ މޮޑްރިޗަކީ ކްލަބާއެކު ލީގު އަދި ސްޕެނިޝް ކަޕްގެ ޗެމްޕިއަނެކެވެ.
ރެއާލްގައި ވިދަމުންދާ ވިދުން، މޮޑްރިޗް މިފަހަރުގެ ވޯލްޑް ކަޕްގައިވެސް ދައްކާލިއެވެ. އޭނާގެ ޖާދޫ، މުބާރާތުގެ ފުރަތަމަ މެޗުންވެސް ފެނިގެންދިޔައެވެ. އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް ހުނަރުވެރި މޮޅު ކުޅުމެއް ދެއްކި މޮޑްރިޗް ވަނީ ފައިނަލްގެ ކުރިން ކްރޮއޭޝިއާއިން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދައިފައެވެ.
ފައިނަލަށް ނުކުތް އިރުވެސް ކްރޮއޭޝިއާއާއި މޮޑްރިޗަށް ގެއްލޭނެ އެއްޗެއް ނެތެވެ. ބަލިވިޔަސް މޮޅުވިޔަސް އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕެއްގެ ފައިނަލް ކުޅުނު ފުރަތަމަ ޓީމަކީ މިހާރު އޮތް "ރަން ޖީލެވެ". ފައިނަލްގައި ފްރާންސް އަތުން ބަލިވި އިރު، ރޭގެ މެޗަށްފަހު ރަން ބޯޅައާ ހަވާލުވި އިރުވެސް މޮޑްރިޗްގެ ލޮލުން ފޭބީ ހިތްދަތިކަމުގެ ކަރުނައެވެ.
ގައުމުގެ ރައީސާ ކޮލިންޑާ ގްލަބާ ކިޓްރޮވިޗްގެ އިޝާރާތުންވެސް އެނގުނީ ޓީމާއި، ކެޕްޓަން މޮޑްރިޗާ މެދު މުޅި ގައުމު ފަހުރުވެރިވާ ކަމެވެ. ދަތި ހަރުފަތްތަކެއް ގިރާކޮށް ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް އައި އުމުރުން 32 އަހަރުގެ މޮޑްރިޗަކީ މިއަދު އެގައުމުގެ ފަހުރެކެވެ. ވޯލްޑް ކަޕް 2018ގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.