ފްރާންސްގެ ވޯލްޑް ކަޕް ކާމިޔާބީއާއެކު ޕެރިހަށް ބޮޑު އީދެއް!

ފްރާންސް ސަޕޯޓަރުން އުފާފާޅުކުރުމުގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ރޭ ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައި ފްރާންސުން މުބާރާތް ކާމިޔާބު ކުރުމާއެކު، އެގައުމުގެ ވެރިރަށް ޕެރިހުގައި މިލިއަނެއްހާ މީހުން އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްފިއެވެ.

ރޭގެ މެޗު ފްރާންސުން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ފްރާންސަށް ގޯލު ޖަހައިދިނީ އެންޓުއާން ގްރީޒްމަން، ޕޯލް ޕޮގްބާ އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދި ކިލިއަން އެމްބާޕޭއެވެ. މީގެ އިތުރުން ކްރޮއޭޝިއާގެ މާރިއޯ މަންޒޫކިޗްގެ އަތުން ބައިކޮޅަށް ގޯލެއް ވެސް ވަދެފައިވެއެވެ. ކްރޮއޭޝިއާއަށް ގޯލު ޖަހައިދިނީ އިވާން ޕެރިިސިޗް އާއި މަންޒޫކިޗްއެވެ.

މެޗުން ފްރާންސް މޮޅުވުމާއެކު ފްރާންސްގެ ދިދަތަކާއެކު ގާތްގަނޑަކަށް އެއް މިލިއަން ސަޕޯޓަރުން ޕެރިހުގައި ހުންނަ "ޝާމްޕްސް އެލިސީސް" މައިދާނަށް އެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަޕޯޓަރުން އުފާފާޅު ކުރުމުގެ ގޮތުން ލަވަ ކިޔައި ބަޑި ބޭހުގެ ކުޅިވަރުތައް ދައްކާލިއެވެ.

އެއްވުމުގެ ބައިވެރިން އުފާފާޅުކުރުމުގެ ތެރޭގައި ހަމަނުޖެހުންތައް ހިނގައި ދިޔަ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް ފުލުހުން މަސައްކަތް ކުރިއެވެ.

"ޝާމްޕްސް އެލިސީސް" މައިދާނަށް އެހާ ގިނަ ބަޔަކު އެއްވި އިރު، އެ ސަރަަހައްދުގެ ވަށައިގެން ހުރި މަގުތައް ފުލުހުން ބަންދު ކުރިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެގޮތަށް ކަންތައް ކޮށްފައިވަނީ އެ ސަރަހައްދުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ.

މީގެ އިތުރުން، މެޗު ކުރިއަށްދިޔަ ވަގުތު 90000 އަށް ވުރެ ގިނަ މީހުން ޕެރިހުގައި ހުންނަ އެފިލް ޓަވަރު ކުރިމަތީގައި ބޮޑު ސްކްރީނަކުން މެޗު ބަލަން އެއްވި ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.

ފްރާންސް މީގެ ކުރިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވަނީ 1998 ވަނަ އަހަރެވެ. މިއީ ފްރާންސުން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

comment ކޮމެންޓް