ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސްއަކީ ނަސީބާ ގުޅިފައިވާ ކޯޗެކެވެ. ހަމަ ގައިމުވެސް އެއީ ފްރާންސްގެ ސަޕޯޓަރުންނާއި ގައުމުގެ ރައްޔިތުން އޭނާ ސިފަކުރާ ގޮތެވެ.
ފްރާންސުން 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ މުޅިން އަލަށެވެ. އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ރަން މެޑަލްގައި ފުރަތަމަ ފަހަރަށް ފްރާންސްގެ ނަން ލިޔެލަދިން ޓީމުގެ ހުންގާނުގައި ހުރީ މިހާރުގެ ކޯޗު ޑިޝޯމްޕެވެ.
ތަރިންތަކަކާއެކު ވޯލްޑް ކަޕަށް ނުކުތް 1998 ވަނަ އަހަރުގެ ފްރާންސް ޓީމުގެ ކެޕްޓަން ޑިޝޯމްޕް މުބާރާތް ނިންމާލީ ވޯލްޑް ކަޕްގެ ޗެމްޕިއަނެއްގެ ގޮތުގައެވެ. އެ ކާމިޔާބީ ރަން އަކުރުން ލިޔެލުމަށްފަހު އޭނާ ނުކުތީ ކޯޗިންގެ ދާއިރާއަށެވެ.
ފްރާންސް ގައުމީ ޓީމަށް 2000 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ޖެހިގެން އައި އަހަރު ޑިޝޯމްޕްސް ފެނިގެންދިޔައީ މޮނާކޯގެ ކޯޗެއްގެ ގޮތުގައެވެ. އޭގެ ފަހުން ޔުވެންޓަސްއަށްވެސް ކޯޗުކަން ކޮށްދިން ޑިޝޯމްޕްސް ގައުމީ ޓީމާ ހަވާލުވީ 2012 ވަނަ އަހަރުގައެވެ.
"އަހަންނަށް އާއްމުކޮށް ހުރެވޭނީ ހުންނަން ޖެހޭ ތަނުގައި. އެކަމަކާ ޝަކުވާއެއް ނެތް. އަހަންނަށްވުރެ މޮޅު މީހުންވެސް ތިބޭނެ. އެކަމަކު އަހަންނަށް އާއްމުކޮށް ކާމިޔާބުކޮށްދާނީ ކަންކަން،" ޑިޝޯމްޕްސްއަކީ ނަސީބު ގަދަ މީހެއް ކަމަށް ބުނާ ބުނަމަށް ރޭގެ ވޯލްޑް ކަޕް ފައިނަލް ކުރިން އޭނާ ޖަވާބު ދިނެވެ.
ފްރާންސުން ރޭގެ ވޯލްޑް ކަޕް ފައިނަލްގައި ކްރޮއޭޝިއާ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ. 2016 ވަނަ އަހަރު ޑިޝޯމްޕްސްއާއެކު ޔޫރޯގެ ފައިނަލްގައި ލިބުނު ނާކާމިޔާބީގެ ހަނދާން ނައްތާލުމަށް ލިބުނު ފުރުސަތުގައި އޭނާގެ ކުޅުންތެރިން ފަހަތަށް ނުޖެހުނެވެ. މުޅި ވޯލްޑް ކަޕްގައިވެސް ފްރާންސުން ދެއްކީ ވަރުގަދަ، ތަފާތު މޮޅު ކުޅުމެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހައްގީވެސް އެޓީމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި މިހާތަނަށް ދުނިޔޭގެ ޗެމްޕިއަންކަން ހާސިލްކޮށްފައިވަނީ އެންމެ ތިން ކޯޗުންނެވެ. އެއީ ބްރެޒިލްގެ މާރިއޯ ޒަގޯލާގެ އިތުރުން ޖަރުމަނުގެ ފްރާންޒް ބެކަންބާ އަދި ޑިޝޯމްޕްސްއެވެ. ފްރާންސްގެ ކޯޗަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް މުހިއްމު ސޮފްހާއެއްގައި ލިޔެލެވިފައިވާ އިރު، އޭނާ އެކަމަށް ޝުކުރު އަދާކުރަނީ ކުޅުންތެރިންގެ ހިތްވަރަށެވެ.
"އަހަންނެއް ނޫން މި ފައިނަލް ކާމިޔާބުކުރީ، ކުޅުންތެރިން. ކުޅުންތެރިންގެ ބުރަ މަސައްކަތް މިއީ،" މެޗަށްފަހު އުފަލުން ފޮޅިފައިހުރި ޑިޝޯމްޕްސް ބުންޏެވެ.
ވޯލްޑް ކަޕްގެ ކުރިން ޑިޝޯމްޕްސްއަށް ފާޑުކިޔުންތައްވެސް ކުރިމަތިވިއެވެ. ހާއްސަކޮށް ޓީމުގެ މުހިއްމު ފޯވަޑް ކަރިމް ބެންޒެމާ ޓީމަށް ނުނެގުމުން ގިނަ ބަޔަކު ވަނީ ޑިޝޯމްޕްސްއަށް ފާޑުކިޔައިފައެވެ. ބަރަހަނާ ވީޑިއޯއެއް ބޭނުންކޮށް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މެތިއު ވަލުބުއޭނާއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ބެންޒެމާ ސްކޮޑުން ބޭރުކޮށްފައިވާ އިރު، ޑިޝޯމްޕްސްއަށް އޭނާ ނެތްތަން ފުރައިދިނީ އޮލިވިއާ ޖިރޫއެވެ.
ޖިރޫ ޓީމުގެ ފުރަތަމަ 11އަށް އެރުވުމުންވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުކުރީ ޑިޝޯމްޕްސްއަށެވެ. ޖިިރޫއަށް ގޯލާ ދިމާއަށް ހަމަލާތައް ނުއުފެއްދުނު ނަމަވެސް، ޑިޝޯމްޕްސް އޭނާގެ ބޭނުންކޮށްފިއެވެ. ހާއްސަކޮށް ގްރީޒްމަންއާއި އެމްބާޕޭގެ ކާމިޔާބު ވޯލްޑް ކަޕަށް އެންމެ ބޮޑު ރޯލެއް ކުޅުނީ "ޓާގެޓް މޭން" ޖިރޫއެވެ.
ޑިޝޯމްޕްސް ބުނީ ފްރާންސަށް ވޯލްޑް ކަޕް ހައްގު ކަމަށާއި ޔޫރޯ 2016ގެ ނާކާމިޔާބީއަކީ ޓީމަށް ގިނަ ކަންތައްތަކެއް ދަސްވި ކަމެއް ކަމަށެވެ.
"ފްރާންސުގެ ސްކޮޑުން ކެނޑިނޭޅި 55 ދުވަހު ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާ މިއީ. އަހަރެމެން ފަހުރުވެރިވޭ ފްރާންސްގެ މީހުންނޭ ބުނަން. ރޭގެ މެޗަކީ ފްރާންސްގެ އެންމެ ވަރުގަދަ މެޗަށް ނުވި ނަމަވެސް މޮޅުވީ ޓީމުގެ މެންޓަލް ރަނގަޅުވީމަ. މުޅި މުބާރާތުގައިވެސް އެކަން ފާހަގަވާނެ،" ޑިޝޯމްޕްސް ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މާސޭއާއި ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު އުފުލާލި ޑިޝޯމްޕްސް ވަނީ އޭނާގެ ކޯޗިން ކެރިއަރުގެ ޅަ ދުވަސްވަރުގައިވެސް މޮނާކޯއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ގޮސްފައެވެ. ފްރާންސް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ 1998ގެ ފަހުން ޖެހިގެން އައި 2000 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.
ފްރާންސްގެ "ރަން ސްކޮޑާއެކު" އޭނާއަށް ކުރިއަށް އޮތް މަސައްކަތަކީވެސް އެއީއެވެ. ކުރިއަށް އޮތީ 2020 ވަނަ އަހަރުގެ ޔޫރޯއެވެ.