ފީފާ ވޯލްޑް ކަޕް 2018ގެ ރަން ބޫޓު ހެރީ ކޭން ހޯދައިފިއެވެ.
އިންގްލެންޑުން ވޯލްޑް ކަޕްގެ ސެމީ ފައިނަލް ކުޅެފައިވާ އިރު، ޓީމުގެ ކެޕްޓަން ކޭން ވަނީ ޖުމްލަ ހަ ގޯލް ޖަހައިފައެވެ. އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ކޭން ގޯލް ޖެހި ނަމަވެސް ފަހުން ކުޅުނު ތިން މެޗުގައިވެސް އޭނާ ގޯލް ޖަހާފައެއް ނުވެއެވެ.
ރަން ބޫޓަށް ކޭންއާ އެންމެ ގާތުން ވާދަކޮށްފައި ވަނީ ރަޝިއާގެ ޑެނިސް ޗެރިޝޭވްއާއި ފްރާންސްގެ ކިލިއަން އެމްބާޕޭ، އެންޓޮއިން ގްރީޒްމަން، ޕޯޗުގަލްގެ ރޮނާލްޑޯގެ އިތުރުން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫއެވެ. އޭގެ ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ހަތަރު ގޯލް ޖަހައިފައެވެ.
މިދިޔަ ތިން ސީޒަންގައިވެސް ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލް ޖަހައި ރަން ބޫޓު ހޯދި ކޭން ވަނީ ވޯލްޑް ކަޕްގައި ހަ ގޯލް ޖަހައި، އެގައުމުގެ ގައުމީ ޓީމަށް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލް ޖަހައިފައިވާ ގެރީ ލިނެކާގެ ރެކޯޑާވެސް ހަމަކޮށްފައެވެ.
އިންގްލެންޑުން މިފަހަރުގެ ވޯލްޑް ކަޕަށް ޒުވާން ޓީމެއް ނެރެފައިވާ އިރު، ޓީމުގެ ލީޑަރަކީ ކޭންއެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން އިންގްލެންޑުން އުންމީދީ ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައިވާ އިރު، އެޓީމުން ވަނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ކުޅެފައެވެ. އެ މެޗުގައި އިންގްލެންޑް ބަލިވީ އިޓަލީ އަތުންނެވެ.