ފްރާންސުން ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސުން ކްރޮއޭޝިއާ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތް އިރުވެސް ގިނަ ބައެއްގެ ފެވަރިޓަކީ ފްރާންސެވެ. ތާރީހުވެސް ބުރަވެފައި އޮތީ ފްރާންސް ކޮޅަށެވެ. މިރޭގެ ފައިނަލް މެޗުގައި ގޯލްތަކާއި ފުޓުބޯޅައިގެ ފޯރި އިންތިހާއަށް ފެނިފައިވެއެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ޖޯޝާ ފޯރިގައި ކުޅުނުތަން ފެނިގެންދިއެވެ.
މިރޭގެ ފައިނަލަކީ ކްރޮއޭޝިއާގެ ތާރީހުގައި އެގައުމު ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލެވެ. ފްރާންސުން މީގެ ކުރިންވެސް ދެ ފަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައިވެއެވެ. 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް އުފުލާލި އިރު، 2006 ވަނަ އަހަރު އެޓީމު ފައިނަލްގައި ބަލިވީ އިޓަލީ އަތުންނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާއިން ކުޅުނު ނަމަވެސް ލީޑު ނެގީ ފްރާންސެވެ. އެންޓޮއިން ގްރީޒްމަންގެ ހިލޭ ޖެހުން ޑެނިއަލް ސުބޮސިޗް ބަލަހައްޓަމުންދިޔަ ގޯލްގެ ތެރެއަށް ވަނީ ހިލޭ ޖެހުން ޑިފެންސް ކުރަމުންދިޔަ ކްރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒުކިޗްގެ ބޮލުގައި ޖެހިފައެވެ.
މަންޒުކިޗް އަތުން ބައިކޮޅަށް ވަން ގޯލަކީ މިހާތަނަށް ވޯލްޑް ކަޕެއްގެ ފައިނަލް މެޗުގައި ބައިކޮޅަށް ވަން ހަމައެކަނި ގޯލެވެ. ނަމަވެސް އެއީ މިފަހަރުގެ ވޯލްޑް ކަޕްގައި ބައިކޮޅަށް ވަން 12 ވަނަ ލަނޑެވެ.
ފްރާންސުން ގޯލް ޖެހުމަށްފަވެސް ކްރޮއޭޝިއާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އެޓީމުން ދައްކަމުން އައި ހިތްވަރު ފައިނަލްގައިވެސް ފެނިގެން ދިޔަ އިރު، ފްރާންސްގެ ގޯލަށް 10 މިނެޓް ފަހުން ކްރޮއޭޝިއާ ލީޑު ނެގިއެވެ.
ކްރޮއޭޝިއާއަށް ލިބުނު ހިލޭ ޖެހުމުން ފްރާންސްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، ފްރާންސްގެ ޑިފެންސަށް ސާފް ކޮށްލެވިފައިނުވާ އިރު، އޭރިއާ ތެރޭގައި ފެނު ޖެހުނު ބޯޅަ ގޯލަށް ވައްދާލީ އިވާން ޕެރަސިޗެވެ.
ކްރޮއޭޝިއާއިން ކުރަމުން އައި ހިތްވަރު މަޑުޖެހިލީ މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ޕެނެލްޓީންނެވެ. ކްރޮއޭޝިއާގެ އޭރިއަށް ތެރެއަށް ހުރަސްވި ބޯޅަ ޕެރިސިޗްގެ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ފުރަތަމަ ޕެނެލްޓީ ދީފައެއް ނުވެއެވެ. ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ޕެނެލްޓީ ދީފައިވާ އިރު، ޓްވިޓާއާއި އެހެނިހެން މީސް މީޑިއާގެ ވަސީލަތްތަކުގައި ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.
ހާފް ނިމެން ދަނިކޮށް ލިބުނު ޕެނެލްޓީ ގޯލައް ވައްދާލާ ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ގްރީޒްމަންއެވެ.
ދެވަނަ ހާފަށްވެސް ވަރުގަދަކޮށް ނުކުތީ ފްރާންސުންނެވެ. ފައިނަލްގެ ކުރިން ކްރޮއޭޝިއާގެ މެދު ތެރެއިން އެންމެ ވަރުގަދައަށް ކުޅުނު ލޫކާ މޮޑްރިޗްގެ ކުޅުން މިރޭ އެންމެ ބޮޑަށް ފެނިފައި ނުވާ އިރު، ފްރާންސްގެ މިޑްފީލްޑަރުން ދިޔައީ މެޗު ޑޮމިނޭޓް ކުރަމުންނެވެ.
އެހެން ނަމަވެސް ހާފް ފެށިގެން ކްރޮއޭޝިއާގެ ޕެރިސިޗްގެ ނުރައްކާތެރި ހަމަލާއެއް ފެނުނެވެ. އެ ހަމަލާގެ ހުރަހަކަށްވީ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ.
ދެވަނަ ހާފް ފެށިގެން 59 ވަނަ މިނެޓުގައި ފްރާންސުން ލީޑު އިތުރަށް ފުޅާކުރިއެވެ. ކްރޮއޭޝިއާ އޭރިއާ ބޭރުން ޕައުލް ޕޮގްބާ ޖެހި ފުރަތަމަ ހަމަލާ ބްލޮކްވި ނަމަވެސް ދެވަނަ ހަމަލާގައި އޭނާ ވަރަށް ބަލާލުމަށްފަހު ބޯޅަ ވައްދާލީ ގޯލްގެ އަރިމަތީ ކައިރިން ކަނަށެވެ. ސުބޮސިޗަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.
ޕޮގްބާގެ ގޯލަށްފަހު ހަ މިނެޓް ފަހުން އަނެއްކާވެސް ފްރާންސުން ގޯލް ޖެހިއެވެ. މިފަހަރު އުމުރުން 19 އަހަރުގެ ކިލިއަން އެމްބާ ދުރުން ފޮނުވާލި ހިތްގައިމު ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ. އެމްބާޕޭއަކީ ޕެލޭ ނެގުމަށްފަހު، ވޯލްޑް ކަޕެއްގެ ފައިނަލްގައި ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
ފްރާންސުން ހަމަޖެހިލިތަނުން ދެން ފެނުނީ ކެޕްޓަން ލޮރިސް އަތުން ހެދުނު ގޯހެކެވެ. ސެމިއުލް އުމިޓިޓީ ފަހަތަށް ދިން ބޯޅަ ސާފް ކޮށްލަން އުޅުމުގެ ތެރޭގައި މަންޒުކިޗްގެ ފަޔަށް ދެވުނު އިރު، އޭނާ އެއްފަހަރުން ބޯޅަ ޖައްސާލީ ގޯލްގެ ތެރެއަށެވެ.
މެޗުގެ ނަތީޖާ 4-2އަކަށް ބަދަލުވުމާއެކު އަނެއްކާވެސް ފޯރި ގަދަވިއެވެ. ކްރޮއޭޝިއާގެ މަސައްކަތް ވަރުގަދަކުރިއެވެ. އެހެން ނަމަވެސް އެޓީމުގެ ޕެރަސިޗާއި މަންޒޫކިޗްގެ ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ.