"ސަންޖޫ" އަށް 500 ކުރޯޑް

ރަންބީރު ކަޕޫރު ސަންޖޫގައި ----

ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ސަންޖޫ"އަށް 500 ކުރޯޑް (7,29,95,000 އެމެރިކާ ޑޮލަރު)ގެ އާމުދަނީއެއް ލިބިއްޖެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރި ފިލްމަށް 500 ކުރޯރުގެ އާމްދަނީއެއް ލިބިފައި ވަނީ އިންޑިއާއާއި އެހެނިހެން ގައުމުތަކުން ފިލްމަށް ލިބުނު އާމްދަނީ އެއްކޮށްލައިގެންނެވެ. މިހާތަނަށް އިންޑިއާ އިން އެކަނި ފިލްމަށް ވަނީ 378.43 ކުރޯރުގެ އާމްދަނީއެއް ލިބިފައެވެ. އަދި ބޭރު ގައުމުތަކުން ފިލްމަށް 122 ކުރޯޑް ވަނީ ލިބިފަ އެވެ.

ފިލްމު ރިލީޒް ކުރި ފުރަތަމަ ހަފްތާގައި އެ ފިލްމުން ވަނީ "ދަންގަލް"، "ސުލްތާން"، "ބާހުބަލީ 2" އަދި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ފަހަތަށް ޖައްސާލައި، 200 ކުރޯރުގެ އާމްދަނީއެއް ހޯދައިފައެވެ. އެއާއެކު "ސަންޖޫ" ވެގެން ގޮސްފައި ވަނީ ރަންބީރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އަދި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މިވަނީ އޭނާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުކަން އަނެއްކާ ވެސް ސާބިތުކޮށްދީފަ އެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ސަންޖޫ"އިން ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ހާދިސާތަކެއް ފެނިގެންދެ އެވެ. އެގޮތުން ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ ހާދިސާތަކެވެ.

ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެނިގެން ދަނީ ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ދިއާ މިރްޒާ، އަދި ސޯނަމް ކަޕޫރެވެ.

comment ކޮމެންޓް