ތައިލޭންޑުގެ ހޮހޮޅައިން ސަލާމަތް ކުރި ކުދިންގެ ޝުކުރު މުޅި ދުނިޔެއަށް!

ހޮހޮޅައިން ސަލާމަތް ކުރި ކުދިން ވަނީ އެކުދިންގެ ހާލު ރަނގަޅު ކަމަށް ބުނެފައި -- ފޮޓޯ: ތައި ހެލްތް މިނިސްޓްރީ

ބޭންކޮކް (ޖުލައި 14): ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންނާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތް ކޮށްދިން ޑައިވަރުންނާއި، އެކުދިންނަށް ހެޔޮ ދުއާ ކުރި އެންމެންނަށް އެކުދިން ޝުކުރު އަދާކޮށްފި އެވެ.

ތަމް ލުއަންގް ހޮހޮޅައިގައި ތާށިވިތާ 18 ދުވަސް ފަހުން ސަލާމަތް ކުރި އެކުދިންގެ ވީޑިއޯއެއް ޗިއަންގް ރައި ހޮސްޕިޓަލުން ވަނީ އާއްމުކޮށްފައި އެވެ. އެވީޑިއޯގައި، އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދުގެ އެކުދިން ވަނީ އެކުދިންގެ ހާލު ރަނގަޅު ކަމަށް ބުނެފައި އެވެ.

"އަހަރެން ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ. އަހަރެންގެ ހާލު ރަނގަޅު،" ފަނަރަ އަހަރުގެ ޕްރަޖަކް ސުތަމް ބުންޏެވެ.

އަދި ބައެއް ކުދިން ވަނީ އެކުދިން މިހާރު ކާން ބޭނުންވާ ބައެއް ތަކެތީގެ ނަން ބުނެފައި އެވެ.

"ދުނިޔޭގެ އެކި ސަރަހައްދުތަކުން އަޅުގަނޑުމެންނަށް އެހީ ފޯރުކޮށްދިން އެންމެންނަށް ޝުކުރުވެރިވަން. އަޅުގަނޑުގެ ހާލު ރަނގަޅު. އަޅުގަނޑު ބޭނުން ވަނީ ބިސްގަނޑަކާއެކު ބޭސިލް ޕޯކް ކާން،" ސޮމްޕޮންގް ޖައިވޮންގް (އާއްމު ނަމުން ނަމަ ޕޮންގް) ބުންޏެވެ.

ޕޮންގް އެކޭ އެއްގޮތަށް ގިނަ ކުދިން ބުނެފައި ވަނީ އެކުދިން ބޭނުން ވަނީ ތައިލޭންޑުގެ ސަގާފީ ކެއުންތައް ކާން ކަމަށް ބޭނުން ކަމަށެވެ. ނަމަވެސް ބައެއް ކުދިން ވަނީ އެހެނިހެން މަޝްހޫރު ކާނާވެސް ފާހަގަކޮށްފައި އެވެ.

އެގޮތުން 14 އަހަރުގެ އަދުލް ސަމޯން ބުނި ގޮތުގައި އެކުއްޖާ މިހާރު އެންމެ ބޮޑަށް ކާން ބޭނުން ވަނީ ކޭއެފްސީ އެވެ. އަދުލް އަކީ މިމަހުގެ ދެވަނަ ދުވަހު އިނގިރޭސިވިލާތުގެ ދެ ޑައިވަރުން އެކުދިން ހޮހޮޅައިން ހޯދުމުން، އެޑައިވަރުންނާ ފުރަތަމަ ވާހަކަ ދެއްކި ކުއްޖާ އެވެ.

މީގެ އިތުރުން، ހޮހޮޅައިގައި ތާށިވި ކުދިންގެ ތެރޭގައި ހިމެނޭ އެންމެ ހަގު ކުއްޖާ ކަމަށްވާ ޗަނިން ވިބުލްރަންގްރުއަންގް ވަނީ އެކުދިން ސަލާމަތް ކުރި ތައިލޭންޑުގެ ނޭވީ ސީލްސްއަށް ތައުރީފުކޮށްފައި އެވެ.

"ތައި ނޭވީ ސީލްސް އަށް ޝުކުރު އަދާ ކުރަން. އަދި އެންމެން ދިން ހިތްވަރަށް ޝުކުރިއްޔާ. އަޅުގަނޑުގެ ހާލު ރަނގަޅު. އަޅުގަނޑު ކާން ބޭނުންވަނީ ސޫޝީ،" އާއްމު ނަމުން ނަމަ ޓައިޓަން ކިޔާ އެކުއްޖާ ބުންޏެވެ.

އަދި އެކުދިން ނިސްބަތްވާ ވައިލްޑް ބޯސް ޓީމުގެ ކޯޗު، އެކަޕޯލް ޗަންޓަވޮންގް ވަނީ ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އަސްކަރިއްޔާގެ ލީޑަރާއި ހުރިހާ ރެސްކިއު އޭޖެންސީތަކަށް ޝުކުރު އަދާކޮށްފައި އެވެ.

ހޮސްޕިޓަލުގައި ތިބި ބައެއް ކުދިން ވަނީ އެކުދިން ކުރެހުންތައް ދައްކާލާފައި -- ފޮޓޯ: ތައި ހެލްތް މިނިސްޓްރީ

"ބޮޑުވަޒީރާއި ހުރިހާ އޭޖެންސީތަކަށާއި ތައި ނޭވީ ސީލްސް އާއި ހުރިހާ ޑޮކްޓަރުންނަށް ޝުކުރު އަދާ ކުރަން. އަޅުގަނޑުގެ ހާލު ރަނގަޅު އަދި މިހާރު އާދައިގެ ކާނާ ކެވޭ،" 25 އަހަރުގެ ޗަންޓަވޮންގް ބުންޏެވެ.

ޗިއަންގް ރައި ހޮސްޕިޓަލުން އިއްޔެ ރިކޯޑު ކުރި އެވީޑިއޯގައި ހުރިހާ ކުދިންވެސް ތިބީ ސާޖިކަލް މާސްކް އަޅައިގެންނެވެ. ނަމަވެސް އެއީ އެކުދިން މާސްކު އަޅައިގެން ތިބެންޖެހޭ އެންމެ ފަހު ދުވަސް ކަމަށް ޑޮކްޓަރުން ބުންޏެވެ.

ތައިލޭންޑްގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތުވެސް ރަނގަޅެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ހުރިހާ ކުދިންނާއި އެކުދިންގެ ކޯޗު ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކުދިންގެ 'މެންޓަލް ސްޓްރެސް' ކުޑަ ކުރުމަށްޓަކައި ހުރިހާ ކުދިންވެސް އާއިލާ އާއި އެކުވެރިންނާ އެކު ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިނުމަށާއި، އެކުދިން މީޑިއާއާ ދުރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައި އެވެ.

comment ކޮމެންޓް