ކެމެރޫންގެ ރައީސް ހަތްވަނަ ދައުރަކަށް ކުރިމަތިލައްވަނީ

ކެމެރޫންގެ ރައީސް ޕޯލް ބިޔާ ވެރިކަމުގެ ހަތް ވަނަ ދައުރަކަށް ކުރިމަތިލައްވާނެ -- ފޮޓޯ: ގެޓީ

ޔައޫންޑޭ (ޖުލައި 14): ކެމެރޫންގެ ރައީސް ޕޯލް ބިޔާ ވެރިކަމުގެ ހަތް ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އުމުރުން 85 އަހަރުގެ ބިޔާ، ކެމެރޫންގެ ވެރިކަމަށް ވަޑައިގެންނެވީ 1982 ވަނަ އަހަރުގައެވެ. އެއީ 1960 ގައި ކެމެރޫން މިނިވަންވި ފަހުން ވެރިކަމުގައި ހުންނެވި އަހުމަދު އަހީޖޯ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޓުވިޓާ މެދުވެރިކޮށް ރައީސް ބިޔާ ވިދާޅުވި ގޮތުގައި ވެރިކަމަށް އަނެއްކާވެސް ކުރިމަތިލައްވަން ނިންމެވީ ގިނަ ބަޔެއްގެ އެދުމުގެ މަތިންނެވެ.

ކެމެރޫންގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު ހަތެއްގައެވެ. އެ އިންތިހާބުގައި ރައީސް ބިޔާއާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ފްރޮންޓް ޕާޓީގެ ކެނޑިޑޭޓު ޖޯޝުއާ އޯސިހްއެވެ.

އެއިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ފަރަންސޭސި ބަހުން ވާހަކަދައްކާ ކެމެރޫންގެ ސަރުކާރުން، އިނގިރޭސިން ވާހަކަ ދައްކާ ރައްޔިތުން އެކަހެރިކުރަމުން ދާކަމަށް ބުނެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ބޭނުންވަނީ ކެމެރޫންއިން ވަކިވެ، އަމިއްލަ ދައުލަތެއް ބިނާ ކުރުމަށެވެ.

މީގެ އިތުރުން މިވަގުތަކީ ކެމެރޫންގައި ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ ނުރައްކާވެސް އިތުރުވެފައިވާ ދަނޑިވަޅެކެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް