ޗެމްޕިއަން މޯލްޑިވް ގޭސް ކަޓުވާލައި، އެމްޓީސީސީ ކުއާޓާއަށް

ވިލި މުއައްސަސާ ކަޕްގައި އެމްޓީސީސީއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 19-5ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވް ގޭސް ކަޓުވާލުމަށްފަހު އެމްޓީސީސީން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އެމްޓީސީސީން ކުއާޓާގެ ޖާގައެއް ހޯދީ 'ގްރޫޕް އޭ'ގެ ފަހު މެޗުގައި ރޭ 19-5ގެ ނަތީޖާއަކުން މޯލްޑިވް ގޭސް ބަލިކޮށްގެންނެވެ.

ވިލި މުއައްސަސާ ކަޕްގައި އެމްޓީސީސީއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 19-5ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

އެ މެޗުގައި އެމްޓީސީސީން ޖެހި 19 ލަނޑުގެ ތެރެއިން އަހްމަދު ރިޒްނީ ހަތް ލަނޑު ކާމިޔާބުކޮށްދިން އިރު، ހުސައިން ނާސިފް ހަތަރު ލަނޑު ކާމިޔާބުކޮށްދިނެވެ. އެމްޓީސީސީއަށް އަލީ މުނާޒް ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އެ ޓީމަށް ޒަޔާން މުލާޒް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އިބްރާހިމް ސިއާދާއި މުހައްމަދު އަހުސަން އަދި އިބްރާހިމް ނަޒީހު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

އެ މެޗުގައި މޯލްޑިވް ގޭސްއަށް އަހްމަދު ރަޝީދު (އައްމަޑޭ) ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، އަހްމަދު ފަޒީހާއި މުސްތައީން މުހައްމަދު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމްޓީސީސީގެ އަހްމަދު ރިޒްނީއަށް އިނާމު ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޝާމްއެވެ.

ވިލި މުއައްސަސާ ކަޕްގައި އެމްއާރްސީސީ ކޯސްޓްގާޑާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޯސްޓްގާޑް މޮޅުވީ 5-6ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ބީ'ގެ ފަހު މެޗުގައި އެމްއާރްސީސީ ކޯސްޓްގާޑުން ވަނީ 6-5ގެ ނަތީޖާއަކުން އެސްޓީއޯ ބަލިކޮށްފައެވެ. އެ މެޗުގައި ކޯސްޓްގާޑުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު މުހައްމަދު އަލީ ކާމިޔާބުކޮށްދިން އިރު، އަހްމަދު ނަބީލާއި އާދަމް ޝަމީލް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

އެ މެޗުގައި އެސްޓީއޯއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އިސްމާއިލް ކާމިޔާބުކޮށްދިން އިރު، މުހައްމަދު ޝަހީމާއި މުހައްމަދު ފައިސަލް އަދި ހަސަން ވިސާމް ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކޯސްޓްގާޑުގެ މުހައްމަދު އަލީއަށް އިނާމު ހަވާލުކޮށްދެއްވީ ކްލަބު އެމްޓީސީސީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ލުއައްޔުއެވެ.

ވިލި މުއައްސަސާ ކަޕްގައި އެމްއާރްސީސީ ކޯސްޓްގާޑާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޯސްޓްގާޑް މޮޅުވީ 5-6ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ސީ'ގެ ފަހު މެޗުގައި ވިލިމާލެ ޕޮލިހުން ވަނީ 17-1ގެ ނަތީޖާއަކުން ވިލިޖޯލި ބަލިކޮށްފައެވެ. އެ މެޗުގައި ވިލިމާލެ ޕޮލިހުން ޖެހި 17 ލަނޑުގެ ތެރެއިން ހަ ލަނޑު އަލީ އީނާޝް ކާމިޔާބުކޮށްދިން އިރު، އަލީ މުނާޒް ހަތަރު ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި ވިލިމާލެ ޕޮލިހުގެ މުހައްމަދު ޖުނާދާއި އަހްމަދު ސޮބާހު، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ މޫސާ ނަދީފާއި އީސާ މިޒުހަތު އަދި މުހައްމަދު މައުސޫމެވެ.

އެ މެޗުގައި ވިލިޖޯލީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމީހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލިމާލެ ޕޮލިހުގެ އަލީ އީނާޝްއަށް އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރު، ސުޒުކީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމްއެވެ.

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ޕޮލިހާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ޕޮލިސް މޮޅުވީ 17-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ޑީ'ގެ ފަހު މެޗުގައި އެމްޑަބްލިޔުއެސްސީ ވިލިމާލެ އަތުން އެފްސީ ވިލިމާލެ ހިޔާ މޮޅުވީ 6-8ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިލިމާލެ ހިޔާއިން ޖެހި އަށް ލަނޑުގެ ތެރެއިން އިސްމާއިލް ވިފާގާއި އާސިފް ހަނީފް، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމަށް އަބްދުﷲ މުއާޒް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.

އެ މެޗުގައި އެމްޑަބްލިޔުއެސްސީން ޖެހި ހަ ލަނޑުގެ ތެރެއިން ހުސައިން ހަބީބާއި މޫސާ ނަޖާހު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސަނާއު ރަޝީދާއި އާދަމް ހާފިޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލިމާލެ ހިޔާގެ އިސްމާއިލް ވިފާގަށް އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ސަޕޯޓިން ޕާޓްނަރު، ޝީޝިއާ ރެސްޓޯރެންޓްގެ މެނޭޖިން ޑިރެކްޓަރު އުބައިދުﷲ ޔޫސުފެވެ.

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ހިޔާއާއި އެމްޑަބްލިޔުއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ހިޔާ މޮޅުވީ 8-6ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު މެޗުތަކަށްފަހު ކުއާޓާގެ ޖާގަތައް ހޯދި ހުރިހާ ޓީމެއް ވަނީ ކަށަވަރުވެފައެވެ. މުބާރާތުގެ ކުއާޓާގެ މެޗުތައް މިރޭ ކުރިއަށްދާނެއެވެ.

މިރޭ ކުޅޭ ކުއާޓާގެ މެޗުތައް:

  • 20:00 ވެމްކޯ - ޔޫތު މިނިސްޓްރީ
  • 21:00 އެމްއާރްސީސީ ކޯސްޓްގާޑް - ވިލިމާލެ ހިޔާ
  • 22:00 އެސްޓީއޯ - އެމްޑަބްލިޔުއެސްސީ
  • 23:00 އެމްޓީސީސީ - ވިލިމާލެ ޕޮލިސް

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ޕޮލިހާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ޕޮލިސް މޮޅުވީ 17-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ހިޔާއާއި އެމްޑަބްލިޔުއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ހިޔާ މޮޅުވީ 8-6ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް