ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ އިތުރު ފަރުވާއަށް މާލެ ގެންނަނީ

ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓަގައި އެއް ސައިކަލް ވެއްޓިފައި ---- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު ޒޯން ސްޓޭޑިއަމް ކައިރިން އަމީނީމަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އޭގެތެރެއިން އެއް ސައިކަލް ދުއްވަން އިނީ ޒުވާން ފުރައިގެ އަންހެނެކެވެ. އޭނާއަށް މާ ބޮޑެތު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސާވިސް އިބްރާހިމް ވަހީދު 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އުމުރުން 53 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެފައިހުރިއިރު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އެނގޭނީ މޭލެ ގެނެސް ސީޓީ ސްކޭން ހެދުމަށްފަހު ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް