"ޓީމާމެދު ފަހުރުވެރިވޭ، އެނބުރި އަންނާނަން"

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން --- ފޮޓޯ/ އޭޕީ

އިންގްލެންޑް ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށާއި އާ ހިތްވަރަކާއެކު އެނބުރި އަންނާނެ ކަމަށް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިންގްލެންޑުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލް ރޭ ކުޅުނީ 28 އަހަރަށްފަހުގައެވެ. 1966 ވަނަ އަހަރުގެ ތަރީހީ ކާމިޔާބު އިޔާދަކުރަން ނުކުތް ޓީމު މިފަހަރުގެ ވޯލްޑް ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ.

ޒުވާން ޓީމަކާއެކު ވޯލްޑް ކަޕަށް ނުކުމެ، ސެމީއާ ހަމައަށް އިންގްލެންޑް ދިއުމުން ގައުމުގެ ގިނަ ރަތްޔިތުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އިންގްލެންޑުން ރަން ޖީލެއް އުފެއްދުމުގެ ފެށުމެވެ. ކެޕްޓަން ކޭންވެސް ދެކެނީ އެގޮތަށެވެ.

"ޓީމުން ދެއްކި ހިތްވަރަށް ފަހުރުވެރިވޭ. މިއީ މިދިޔަ ދެ އަހަރު ތެރޭގައި އިންގްލެންޑުން އެޅި ބިންގަލެއް. މި ޓީމުގެ ކާމިޔާބީތައް މިހިސާބުން ނިމުނީއެއް ނޫން. ކުރިއަށް އޮތްތަނުގައި މި ޓީމުން އިންގްލެންޑް ފަހުރުވެރިކޮށްދޭނެ،" ކޭން ބުންޏެވެ.

ކޭން ބުނީ ރޭގެ މެޗުން ބަލިވީ ހަނި ތަފާތަކުން ކަމަށާއި، ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފަދަ ބޮޑެތި މެޗުތަކުން ބަލިވާނީވެސް ހަނި ތަފާތަކުން، ކުދި ކުދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ވަރަށް ދެރަވޭ. އެކަމަކު ހިތްވަރު އެލުވައެއް ނުލާނަން. މިއީ ފެށުމެއް. މި ޓީމު ވަރުގަދަކޮށް އެނބުރި އަންނާނެ. ކުޑަކުޑަ ތަފާތަކުން ބަލިވީ، އެކަމަކު ވޯލްޑް ކަޕް ފަދަ ބޮޑެތު މުބާރާތްތަކުން ބަލިވާނީވެސް އެވަރުގެ ތަފާތުތަކުން. އެކަމަށް ޝަކުވާއެއް ނެތް،" ކޭން ބުންޏެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ލީޑު ނެގި އިރު، ކޭން ބުނީ ވަރުގަދައަށް ފެށުމުން ހިތްވަރު ލިބުނު ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ފަހު ކޮޅުގައި ކްރޮއޭޝިއާއިން ވަރުގަދަ ކުރި ކަމަށާއި، އިންގްލެންޑް ކުޅުންތެރިންނަށް މެޗުގެ ވިސްނުން ގެއްލުވާލެވުނު ކަމަށް ކޭން ބުންޏެވެ.

comment ކޮމެންޓް