ދަފްތަރުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމުގައި ޕޮއިންޓްދޭ އުސޫލު އާންމުކޮށްފި

ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން--

ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންތަކަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމުގެ ގޮތުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ދަފްތަރުގައި ހިމެނޭ މީހުނަށް ފްލެޓް ދިނުމުގައި ޕޮއިންޓްދޭ އުސޫލު އާންމުކޮށްފިއެވެ.

ހިޔާ މަޝްރޫގެ ދަށުން މާލޭ މުނިސިޕަލިޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ދެ ކެޓެގަރީއެއް ވަނީ ހާއްސަކޮށްފައެވެ. އެ ދެކެޓަގަރީގެ ތެރޭގައި އެއް ކޮޓަރީގެ ފްލެޓާއި އަދި ދެ ކޮޓަރީގެ ފްލެޓް ހިމެނެއެވެ.

ސަރުކާރުގެ ގެެޒެޓުގައި ހައުސިން މިނިސްޓްރީން އިއްޔެ ޝާއިއުކުރި އިއުލާންގައި ބުނީ އެ ދެކަޓީގަރީއަށް ކުރިން ޕޮއިންޓް ދެމުން އައި ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ޕޮއިންޓް ދޭއިރު އިސްކަންދީފައިވަނީ ދަފުތަރުގައި ދެމިހުރި މުއްދަތާއި އަދި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށެވެ.

އަދި އޭގެ އިތުރުން އާއިލާގެ ކުޑަ ބޮޑުމިނާއި ދިއުޅުމުގެ ހާލަތާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންފަދަ އެހެނިހެން ކަންކަމަށްވެސް ޕޮއިންޓް ދިނުުމުގައި ވަނީ ރިއާޔަތް ކޮށްފައެވެ.

ދަފުތަރުގައި ދެމިއޮތް މުއްދަތު - ޕޮއިންޓް ދޭ އުސޫލު

  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ވެފައި ނުވާނަމަ -ފަސް ޕޮއިންޓް
  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ހަމަވެ، 10 އަހަރު ހަމަ ނުވާނަމަ -10 ޕޮއިންޓް
  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ- 15 ޕޮއިންޓް
  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ - 20 ޕޮއިންޓް

މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

  • މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ ފަސް އަހަރު ހަމަވެ، 10 އަހަރު ވެފައި ނުވާނަމަ-ފަސް ޕޮއިންޓް
  • މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ- 10 ޕޮއިންޓް
  • މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ހަމަވެ، 20 އަހަރު ހަމަ ނުވާނަމަ-15 ޕޮއިންޓް
  • މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ - 20 ޕޮއިންޓް

ޢާއިލާގެ ކުޑަބޮޑުމިން

  • ދަރިއަކު ނެތް ނަމަ -ފަސް ޕޮއިންޓް
  • އެންމެ ދަރިއަކު ހުރި ނަމަ-10 ޕޮއިންޓް
  • ދެ ދަރިން ހުރި ނަމަ-15 ޕޮއިންޓް
  • ތިން ދަރިން ނުވަތަ އެއަށްވުރެ ގިނަ ދަރިން ތިބި ނަމަ- 20 ޕޮއިންޓް

ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ޢާއިލާގެ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ އެކަމަށް ރިއާޔަތްކޮށް 10 ޕޮއިންޓެ ދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށްވެސް 30 ޕޮއިންޓް ގިނަވެގެން ލިބޭގޮތަށް ވަނީ ކަނޑައަޅައިފައެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވޭ އޮފީހަށް، ދަފްތަރުގައި ރަޖިސްޓްރީވުމަށް މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެކަމަށްވެސް ގެޒެޓް ގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް