އިޖްތިމާއީ މައްސަލަތަކަށް އީޖާދީ ހައްލު ހޯދުމަށް "މިއަހެލި" ކޭމްޕު ކުރިއަށް ގެންގޮސްފި

މިއަހެލި ކޭމްޕު ނިންމުން --- ފޮޓޯ: އުރީދޫ

ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް "މިޔަހެލި"ގެ ނަމުގައި ތިން ދުވަހުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

އުރީދޫ އާއި އުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ގުޅިގެން، މި މަހުގެ ފަހަކުން އަށަކަށް ވ. ތިނަދޫގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ މި ޕާޓްނަރޝިޕްގެ ދަށުން، ބޭއްވި ތިން ވަނަ ކޭމްޕެވެ. މި ނަމުގައި އެންމެ ފުރަތަމަ ކޭމްޕެއް ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ސަފީރު، ޝޯކޯ ނޮޑާ ވިދާޅުވީ މިއަހެލި އަކީ މުޖުތަމައަށް ހެޔޮ ބަދަލުތަށް ގެނެސްދިނުމަށް ދިވެހި ޒުވާނުންނަށް އޮތް ފުރުސަތެއް ކަމަށެވެ. މިއަހެލި އާއެކު މުޖުތަމައަށް ބަދަލު ގެނައުމަށް ޒުވާނުންނަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ދިވެހި ޒުވާނުންނަކީ ވިސްނުންތޫނު އަދި ގާބިލް ބަޔެއް ކަމަށް ޝޯކޯ ވިދާޅުވިއެވެ.

"މީގެ ކުރިން ހިތަށް އަރުވާފައިވެސް ނުވާފަދަ ތަފާތު ޙައްލުތަކެއް ވުޖޫދަށް ގެނައުމުގެ ކުޅަދާނަކަން ޒުވާނުންނަށް ލިބިފައިވޭ،" ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރު ވިދާޅުވިއެވެ.

ތަފާތު ޒުވާން ކުދިން އެއްތަން ކޮށްގެން ކުރިއަށް ގެންދިޔަ، މި ކޭމްޕުގެ މަޤްސަދަކީ ހިތުގައި އޮންނަ ޚިޔާލެއް އިތުރަށް ފުރިހަމަކޮށް، އެ ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ނަގަންޖެހޭ އެކިއެކި ފިޔަވަޅުތައް އުނގަންނައިދީ، އެކަން ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް އަކީ، މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް، ވަރަށް ފައިދާހުރި ޕްލެޓްފޯމް އެއް. ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި އެކު ޕާޓްނަރ ވެގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އާންމު ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ޒުވާނުން ބާރުވެރިކުރުމުގެ އަމާޒުގައި. މިފަހަރުގެ ކޭމްޕުގައިވެސް ވަރަށް އުފެއްދުންތެރި ޚިޔާލުތަކެއް ފެނިފައިވޭ، އަދި މުޖުތަމައު އާއި ހަމައަށް މި އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނަން." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ހުޅުވާފައިވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިއަހަރުގެ ތީމެޓިކް އޭރިއާ ތަކުގެ ތެރޭގައި، ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން، މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުން، އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކާމިޔާބު ވިޔަފާރިތައް ފެށުން، ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާކުރުން، އަދި ތިމާވެށި ރައްކައުތެރިކުރުމަށް އީޖާދީ ހައްލުތައް ހޯދުން ހިމެނެއެވެ.

ޖުލައި ފަސްވަނަ ދުވަހު ފެށި މި ކޭމްޕުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ ޚިޔާލުތައް އިތުރަށް ބިނާކުރުން، ކަސްޓަމަރ ވެލިޑޭޝަން ކުރިއަށްގެންދިއުމުގެ އިތުރުން ޕްރޮޑަކްޓް ޕްރޮޓޯޓައިޕް ހެދުމެވެ.

މިޔަހެލީގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ޚިޔާލުތަކުގެ ތެރެއިން ހޮވިފައިވަނީ، ހަތަރު ޓީމެވެ. މީގެ ތެރޭގައި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރީޢާއިން ވިއްކާ އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ވަސީލަތެއް އުފެއްދުން، އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާމެހި ދެނެގަތުމުގެ ޕްލެޓްފޯމެއް ހެދުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އޮންލައިންކޮށް އެހީތެރިވެދޭނެ ސިސްޓަމެއް ޤާއިމްކުރުން އަދި ރާއްޖޭގައި "ސީ ސޯލްޓް"ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް ހުށަހެޅި ޚިޔާލު ހިމެނެއެވެ.

ކޭމްޕުގެ ފައިނަލް ޕިޗް އަށްފަހު ދެ ޓީމެއްގެ ޚިޔާލު ހަގީގަތަކަށް ހެދުމުގައި އެހީތެރިވުމަށް، އުރީދޫ އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ވަނީ 3000 ޑޮލަރުގެ ސީޑް ފަންޑިންގ، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން މެންޓަރޝިޕް އަދި ޓްރެއިނިންގެ ފުރުސަތު ދީފައެވެ. އެ ދެ ޚިޔާލަކީ ރާއްޖޭގައި "ސީ ސޯލްޓް"ގެ ތަފާތު ޕްރޮޑަކްޓު އުފައްދައި ތައްޔާރުކޮށް އެކްސްޕޯރޓް ކުރުމަށް އަދި ބޭނުންކޮށްފައިވާ ތަކެތި ޑިޖިޓަލް ޕްލެޓްފޯމެއްގެ މެދުވެރިކޮށް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ހުށަހެޅި ދެ ޚިޔާލެވެ.

އިޤްތިސާދީގޮތުން ޒުވާނުން ބާރުވެރި ކުރުމަކީ، ޔޫ.އެން.ޑީ.ޕީ ގެ އިތުރުން އުރީދޫ އިންވެސް އިސްކަމެއްދޭ ކަމެއް ކަމަށާއި މިކަމަށްޓަކައި ދެ މުވައްސަސާ އިންވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އުރީދޫ އިން ބުނެއެވެ.

މީގެތެރޭގައި މިޔަހެލި، ނިރު އެކްސްލެރޭޓަރ ޕްރޮގްރާމް، އަދި އެޗްޑީސީ އާއި އެކު ކުރިއަށްގެންދަމުންދާ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ހިމެނެއެވެ.

ޔޫ.އެން.ޑީ.ޕީގެ ފަރާތުން، މިޔަހެލި ކުރިއަށްގެންގޮސްފައިވަނީ އޮސްޓްރޭލިއަން ސަރުކާރުގެ އެހީގައި ކުރިއަށްދާ ގަވަނަންސް ޕްރޮގްރާމްގެ ދަށުންނެވެ. އޮސްޓްރޭލިއަން އެއިޑް ޕްރޮގްރާމް އިން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސޯދީ ކުރިއެރުންގެނައުމަށް އަދި ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އުފެއްދުންތެރި ޕްރޮގްރާމުތަކަށް އިންވެސްޓްކޮށް، އެހީތެރިވަމުންދެއެވެ.

comment ކޮމެންޓް