ޓީސީއަށް ލިބުނީ ހައްގު މޮޅެއް، މިއީ އީގަލްސްގެ އެންމެ ދަށް މެޗު: މޯހަން

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ވާދަކުރި މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީއެވެ.

އިއްޔެގެ މެޗުގައި ޓީސީން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައިރު، މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މިދިޔަ ޓްރާންސްފާ ސީޒަންގައި އެ ޓީމަށް ބަދަލުވި އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

ޓީސީން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމަށް ބުނެ، އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، އިއްޔެގެ މެޗުން މޮޅުވީ މޮޅުވުން ހައްގު ޓީމު ކަމަށެވެ.

"ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅުނީ. ޓީސީއަށް ހައްގު މޮޅެއް ލިބުނީ. ހުރިހާ ޑިޕާޓްމަންޓެއްގެ ކުޅުންވެސް ރަނގަޅީ ޓީސީގެ. މަސައްކަތު ރޭޓަށް ބެލިޔަސް ޓީސީ ވަރަށް ރަނގަޅަށް ދިޔައީ. މޮޅު ޓީމު މޮޅުވީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ އިއްޔެގެ މެޗަކީ މިހާތަނަށް މި ސީޒަންގައި އީގަލްސްގެ ފަރާތުން އެންމެ ދަށް މެޗު ކަމަށެވެ.

"އީގަލްސް ވަރަށް ދަށްކޮށް ފެނިގެންދިޔައީ. މަސައްކަތު ރޭޓާއި ކޮންޓްރޯލްތަކާ ޕާސްތައްވެސް. މިހާތަނަށް މި ސީޒަންގައި އީގަލްސްގެ އެންމެ ދަށް މެޗު ކަމަށްވެސް ބުނެވިދާނެ މި މެޗަކީ. ވަރަށް ދަށްކޮށް ދިޔައީ،" މޯހަން ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އީގަލްސްއިން އިދިކޮޅަށް ރަނގަޅު ފައިޓެއް ދިން ކަމަށެވެ. ހާއްސަކޮށް އީގަލްސްއިން އޯގަނައިޒްކޮށް ކުޅުނު އިރު، މެޗުން ތިން ޕޮއިންޓް ލިބުމުން އުފާކުރާ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

އިއްޔެގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި، ޓީސީ ވަނީ ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. އީގަލްސްއަށް މިހާތަނަށް ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބިފައެއް ނެތެވެ.

comment ކޮމެންޓް