ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގެ އުފާ ލިބުނު ނަމަވެސް، ޑޮކްޓަރަށް ބޮޑު ހިތާމައެއް!

ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުނު އޮސްޓްރޭލުއާގެ ޑރ. ރިޗާޑް ހެރިސް -- ފޮޓޯ: ފޭސްބުކް

ބޭންކޮކް (ޖުލައި 11): ތައިލޭންޑުގެ ހޮހޮޅައިގައި ތާށިވި ކުދިންގެ ހާލު ބަލައި، އެކުދިންނާ އެކު ހޮހޮޅައިގެ މަޑު ކުރި ޑޮކްޓަރަށް ކުދިން ސަލާމަތް ކުރެވުމުގެ އުފާ ލިބުނު ނަމަވެސް އޭނާއަށް ހޮހޮޅައިން ނުކުމެވުނީ ހިތާމަވެރި ހަބަރަކަށެވެ.

އޮސްޓްރޭލިއާގެ އެނެސްތެޓިސްޓެއް ކަމަށްވާ ރިޗާޑް ހެރިސް، ތަމް ލުއަންގް ހޮހޮޅައިން ނުކުތްތަނާ އިވިގެން ދިޔައީ އޭނާގެ ބައްޕަ މަރުވި ހަބަރެވެ.

ސައުތު އޮސްޓްރޭލިއާގެ އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ރިޗާޑް ބައިވެރިވުމާ ގުޅިގެން އޭނާގެ އާއިލާއަށް ލިބުނު ހިތާމަ އިތުރުވެގެން ދިޔައެވެ. އަދި ފާއިތުވި ހަފްތާއެއްހާ ދުވަސްވީ އެއާއިލާއަށް އުފަލާއި ހިތާމައިންވެސް ފުރިގެންވާ ހަފްތާއަކަށް ކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނި ގޮތުގައި ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވުމަށް ހެރިސް ފޮނުވުމަށް ތައި ސަރުކާރުގެ އެންމެ މަތީ ފަންތިންނާއި އިނގިރޭސި ޑައިވަރުން ވަނީ އެދިފައެވެ. އަދި ރަސްމީ ގޮތެއްގައި ހެރިސްގެ އަގު ވަޒަން ކުރާނެ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

"އޮސްޓްރެލިއާއިން، ހާއްސަކޮށް އެގައުމުގެ ޑޮކްޓަރު ވަރަށް ބޮޑަށް އެހީތެރިވެދިން. (އޭނާ) ވަރަށް ރަނގަޅު. ހަމަ ބަރާބަރު،" ރެސްކިއު އޮޕަރޭޝާނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވިއެވެ.

ހޮހޮޅައިގައި ތިބި ކުދިން އެތަނުން ނެރެވޭ ވަރަށް އެކުދިންގެ ހާލު ރަނގަޅުކަން ނިންމީ ހެރިސްއެވެ. އަދި އެކުދިން ހޮހޮޅައިން ނެރޭނެ ތަރުތީބުވެސް ނިންމީ ހެރިސްއެވެ. އޭނާއަކީ ހޮހޮޅައިން އެންމެ ފަހުން ނުކުތް ޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ޑރ. ހެރިސް ވަނީ މީގެ ކުރިން އޮސްޓްރޭލިއާ، ޗައިނާ، ކްރިސްމަސް އައިލެންޑްސް އަދި ނިއު ޒީލޭންޑުގެ ކޭވް ޑައިވިން އެކްސްޕްލޮރޭޝަންތަކުގައި ބައިވެރިވެފައެވެ.

އިއްޔެ ހޮހޮޅައިން ސަލާމަތް ކުރި ކުދިންނާއި އެކުދިންގެ ކޯޗުގެ ހާލު ރަނގަޅު ކަމަށް ތައިލޭންޑުން ވަނީ ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް