ރެއާލް މެޑްރިޑަކީ އަބަދުވެސް ރޮނާލްޑޯގެ "ހޯމް"!

ރޮނާލްޑޯ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު - ފީފާ ފައިލް ފޮޓޯ

މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޕައުންޑުގެ އަގަކަށް ރެއާލް މެޑްރިޑާ ގުޅުމަށްފަހު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ކްލަބުގައި ނުވަ ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދެ ސްޕެނިޝް ލަލީގާއާއި، ދެ ކޮޕާ ޑެލްރޭ އަދި ހަތަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދި ރޮނާލްޑޯ ވެގެންގޮސްފައިވަނީ ރެއާލްގެ ދިގު ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 438 މެޗުން 451 ގޯލް ކާމިޔާބުކޮށްދީފައެވެ.

ރެއާލްގެ ރަމްޒެއްގެ ގޮތުގައި ސިފަވެގެންދާ ރޮނާލްޑޯ، އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމަކީ ހަމަ ޔަގީނުންވެސް މި ޓްރާންސްފާ ސީޒަންގައި ހިނގާނެ އެންމެ ބޮޑު ޓްރާންސްފާއެވެ. އެތަކެއް ބައެއްގެ ލޯބި ލިބިފައިވާ ރޮނާލްޑޯ، އިޓަލީ ލީގަށް ބަދަލުވުމަކީ ލީގުގެ ޕްރޮމޯޝަނަށް އައި ބޮޑު ކުރިއެރުމެކެވެ. ޔުވެންޓަސްގެ ހިއްސާގެ އަގަށްވެސް އޭގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ބްރޭންޑެކެވެ. އޭނާ ވަކިވި ކޮންމެ ކްލަބެއްގެ ސަޕޯޓަރުންގެ ހިތް ރޮއްވާލާނެއެވެ. އެތައް ސަޕޯޓަރުންނެއް ކްލަބު ދޫކޮށްދާނެކަންވެސް ޔަގީނެވެ. ރޮނާލްޑޯގެ ވަކިވުމާއެކު ރެއާލްއިން ވަނީ އޭނާއަށް އަސަރުގަދަ ޖިޒީއެއް ދީފައެވެ.

"ރޮނާލްޑޯއާއެކު ރެއާލް ހޭދަކުރީ ކްލަބުގެ ތާރީހުގައި އެންމެ ކާމިޔާބު ދުވަސްތައް. ރޮނާލްޑޯގެ ރެކޯޑަށް ބަލާލުމުން އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން އެނގޭ. ކްލަބުގައި ރޮނާލްޑޯ ހޯދި ތަށިތަކާއި މެޑަލްތައް އެއް ފަރާތްކޮށް، އޭނާއަކީ މުޅި ފުޓުބޯޅަ ދުނިޔެއަށް ހުރި ރޯލް މޮޑެލްއެއް.

ބުރަ މަސައްކަތް، ޒިންމާދާރުކަން، ހުނަރު އަދި އަމިއްލަ ނަފްސުގެ ގަދަރަކީ ރޮނާލްޑޯގެ ހާއްސަ ސިފަތައް. އެއީ ފުރިހަމަ ކުޅުންތެރިއްގެ ވިސްނުމާ ފިކުރު،" ރެއާލް މެޑްރިޑުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ:އޭނާއަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ

ރެއާލްއާއެކު ރޮނާލްޑޯ 16 ތަށި ހޯދައިފައިވާ އިރު، ކްލަބުގައި ހުރެ އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރަށް ހޯދައިފައެވެ. ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ގިނަ ކުޅުންތެރިންތަކެއް ކުޅެފައި ވަނީ ރެއާލްއަށް ނަމަވެސް، ރޮނާލްޑޯއަކީ އެ ކުޅުންތެރިންނަށްވުރެ ގިނަ ގޮތްގޮތުން ރެއާލްގެ ތާރީހުގައި ލިޔެވިފައިވާ ކުޅުންތެރިއެކެވެ.

"ރޮނާލްޑޯއަކީ ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއެއް. ރެއާލްގެ އެންމެ ބޮޑު އެއް ފަހުރު. ރެއާލްގެ ތާރީހުގައި ލިޔެލެވޭނެ އައިކަންއެއް. ރެއާލް މެޑްރިޑަކީ އަބަދުވެސް ރެއާލްގެ ހޯމް،" ރެއާލް މެޑްރިޑްގެ މެސެޖު ނިންމާލައިފައިވެއެވެ.

ނުވަ އަހަރަށްފަހު ރެއާލް ދޫކޮށްލުމަށްފަހު ރޮނާލްޑޯވެސް ވަނީ އަސަރުގަދަ މެސެޖެއް ދީފައެވެ. ނުވަ އަހަރުގެ ހަނދާންތަކަށް ހުރިހާ ސަޕޯޓަރުންގެ ނަޒަރު ހުއްޓުވާލައިފައެވެ.

"ރެއާލް މެޑްރިޑާއި މެޑްރިޑްގެ ސިޓީގައި އަހަރެން ހޭދަކުރި ދުވަސްތަކަކީ މުޅި ހަޔާތުގައިވެސް އެންމެ އުފާވެރި ދުވަސްތައް. އެހެން ނަމަވެސް މިހާރު މި ވަނީ މުޅިން އާ ކަންތައްތަކަކަށް ތަޖުރިބާކުރަން ބޭނުންވެފައި. އެހެންވެ ކްލަބުން އެދުނީ އަހަންނަށް ކުރިއަށް ދިއުމަށް ފުރުސަތު ދިނުމަށް. ކްލަބާއި ސަޕޯޓަރުން ދިން ލޯތްބައް އަހަރެން ބުނާނެ އެއްޗެއް ނެތް،" ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނެފައި ވަނީ ރެއާލްގައި ހޭދަކުރި ނުވަ އަހަރަކީވެސް ތަފާތު ނުވަ އަހަރު ކަމަށާއި، ތަފާތުތަކަކާއެކު ކޮންމެ އަހަރަކުވެސް ރެއާލްއާއެކު އޭނާއަށް ގެނުވީ އުފާވެރިކަން ކަމަށެވެ.

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު --- ފޮޓޯ/ އޭޕީ

"ރެއާލްއަކީ އަހަރެންގެ މުޅި އާއިލާއާއެކު، އަހަރެންގެވެސް ހިތް އަތުލި ކްލަބު. ކްލަބުގެ ރައީސުން ފެށިގެން ގޮސް ހުރިހާ މުއައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. ރެއާލްގައި އަހަރެން ހޭދަކުރީ ދެވަނައެއް ނުވާ ފަދަ ކުޅުންތެރިންނާއެކު. އެ ކުޅުންތެރިންނަކީ ކުރި އެރުމުގެ އެންމެ މުހިއްމު އެއް ބައި. އަދިވެސް ސަޕޯޓަރުންނަށް ޝުކުރު އަދާކުރާނަން. މުޅި ސްޕެއިންގެ ފުޓުބޯޅައަށް ޝުކުރިއްޔާ،" ރޮނާލްޑޯގެ މެސެޖުގައި ބުނެފައިވެއެވެ.

ރޮނާލްޑޯގެ މެސެޖު ނިންމާލީ އޭނާ ނުވަ އަހަރު ކުރިން ރެއާލްއަށް ސޮއިކުރުމަށްފަހުވެސް ބުނި ޖުމްލައިންނެވެ. "ހަލާ މެޑްރިޑް" އިންނެވެ.

comment ކޮމެންޓް