ޑރ. ޝަހީމާ އައިއެސްއާ އެއްވެސް ގުޅުމެއް ނެތް: ޑިފެންސް މިނިސްޓަރު

އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ، ހައްދުފަަހަނަ އަޅާފައިވާ ޓެރެރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ، ޑރ. ޝަހީމަކީ އައިއެސް ޖަމާއަތަށް މީހުން ވައްދާ ބޭފުޅެއް ކަމަށް ބުނެ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ނެޝެނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ)އަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

''މިއީ ހަމަ ސިޔާސީ ކަމެއް. ރަނިން މޭޓަކަށް ނުކުމެވަޑައިގަތުމުން ޑރ. ޝަހީމްއާ މެދު އެފަދަ ގޮތަކަށް ވާހަކަ މިހާރު މިދެކެވެނީ. ހައްދު ފަހަނަ އަޅާދިޔުމާ ދެކޮޅަށް ރައީސް ޔާމިންގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި އެކަމުގައި ޑރ. ޝަހީމްގެ އެއްބާރުލުން އެންސީޓީސީއަށް ވަރަށް ބޮޑަށް ލިބިވަޑައިގެންނަވާ،" ޝަރީފް ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ކަމާ ގުޅުންހުރި އެކިއެކި މުއައްސަސާތައް ހިމެނޭގޮތަށް ރާއްޖޭގައި ގާއިމުކުރެވިފައިވާ އިދާރާއެކެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޑރ. ޝަހީމްއާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ޝަހީމްއަކީ އައިއެސްއަށް މީހުން ފޮނުވާ ބޭފުޅެއް ކަމަށާއި އަދި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ބަދުުރު އަލް ކަހީލް، ޝަހީމަށް ތާއިދުކުރައްވާ ކަމަށެވެ.

އަދި އޭގެން އެނގެނީ ސައުދީން ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ޑރ. ޝަހީމާ ގުޅޭ އެއްވެސް މައުލޫމާތެއް ހުށަހަޅާފައި ނުވާއިރު، މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، މީގެ ކުރީން ދުވަހަކުވެސް ޝަހީމާއި އައިއެސް ނުވަތަ އެފަދަ ޓެރަރިޒަމާ ގުޅުންހުރި ޖަމާއަތަކާ ގުޅުމެއް އޮންނަ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ފުންނާބުއުސް ގިނަ ދީނީ އިލްމުވެރިންތަކެއް ވަނީ ނަޝީދުގެ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

އެ އިލްމުވެރިން ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް މީހަކާ ބެހޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެ ދީނީ އިލްމުވެރިން ވިދާޅުވީ ޑރ. ޝަހީމަކީ ހަރުކަށި ދީނީ ފިކުރާ ދެކޮޅު ބޭފުޅެއް ކަމަށް އެބޭފުޅުން ހެކިވާ ކަމަށެވެ. އެގޮތަށް ވިދާޅުވި އިލްމުވެރިންގެ ތެރޭގައި ޑރ. ޝަހީމާ ސިޔާސީގޮތުން ޚިޔާލު ތަފާތު އިލްމުވެރިންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް