"ނިވައިރޯޅި" އަންނަ އޮކްޓޯބަރު 15ގައި!

ނިވައިރޯޅިގެ ޝޫޓިންގެ ތެރެއިން--- ފޮޓޯ/ ފޭސްބުކް

ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސަން އާ ވާހަކަ ދައްކަމުން ކާމިޔާބު ބަތަލާ ނިއުމާ ބުނީ ފިލްމު އަޅުވާ ތާރީޚު މުޅިން ފައިނަލް ވެފައިވާ ކަމަށާއި މާދަމާ މާލޭގައި ޝޫޓްކުރަން ހުރި މަންޒަރުތައް ޝޫޓް ކުރަން ފަށާނެ ކަމަށެވެ.

"އިންޑޯ ޝޫޓިންތައް އެއްކޮށް ނިންމައި މާދަމާ މާލޭގައި ނަގަން ހުރި މަންޒަރުތަކުގެ ޝޫޓިން ފަށާނެ އެ މަންޒަރުތައް ވަރަށް އަވަހަށް ނިމޭނެ،" ނިއުމާ ބުންޏެވެ.

ފިލްމު ކުރިން ސްކްރީނަށް ގެންނަން ހަމަޖެއްސީ އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

"މިހާރު މި ކުރިމަތި ވަނީ ރިޔާސީ އިންތިހާބު. ވަރަށް ފޯރިގަދަ ވާނެ. ހިތަށް އެރީ އެ ފޯރިއާ އެކީ ފިލްމު ރިލީޒްކޮށްލާނީ އޭ. މުޅި ޓީމާ ވެސް ވާހަކަ ދައްކައިގެން ތާރީހު ފައިނަލް ކުރީ،" އިންޑަސްޓްރީގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ބަތަލާ ބުންޏެވެ.

ނިއުމާ ބުނީ ގިނަ ފިލްމު އެޅުވުން އަވަސްކުރުމަށް ގިނަ ފޭނުން އެދެމުންދާތީ ފޭނުންނަށްޓަކައި ފިލްމު އަވަސްކޮށްލީ ކަމަށެވެ.

މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ މަހުގެ 19ގައެވެ.

އެ ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

"ކޮކްޓެއިލް" އެއްގެ ގޮތުގައި ސިފަކުރާ އެ ފިލްމުގައި އެއްވެސް ލޯބީގެ ލަވައެއް ނީންނާނެ ކަމަށް ނިއުމާ ބުންޏެވެ.

"ހަމަގައިމުވެސް ފިލްމު ބަލާފައި މީހުން ނުބުނާނެ ފިލްމު ހަޑިއެކޭ،" ކުޅަދާނަ ބަޠަލާ މީގެ ކުރިން ސަންއަށް ދިން އިންޓަވިއުގައި ބުންޏެވެ.

comment ކޮމެންޓް