ސްޓާބަކްސްގެ ހުރިހާ އައުޓްލެޓެއްގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަނީ

ޕްލާސްތިކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ކުންފުނި، ސްޓާބަކްސް އިންވެސް ބައިވެރިވެއްޖެއެވެ.

މި ކެމްޕެއިނުގައި ސްޓާބްކްސް އިން ބައިވެރިވެ އެކުންފުނިން ނިންމާފައިވަނީ 2020 އަންނަންވާއިރަށް ކުންފުނީގެ ހުރިހާ އައުޓްލެޓެއްގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލުމަށެވެ.

މި ނިންމުމާއެކު އަހަރަކު އެއް ބިލިއަން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓުމަކަށް އަންނާނެ ކަމަށް ސްޓާބަކްސް އިން ބުނެއެވެ. ސްޓާބަކްސް އިން ބުނީ ހޮޅި ބޭނުން ކުރުން ހުއްޓާލުމަށްފަހު، އެ ކުންފުނީގެ ޓޭކްއަވޭ ކަޕްތަނުގެ މަތިގަނޑުގައި، ފަސޭހައިން ތުންޖަހާ ބޯލެވޭނެ ފަދަ މައްޗެއް ހިމަނާނެ ކަމަށެވެ.

"ފްރެޕެޗީނޯ ކަހަލަ ބުއިންތައް މިހާރެކޭ އެއްގޮތަށް ޑޯމް ލިޑް ކަޕްގައި ވިއްކާނީ. އެކަމަކު އެއާއެކު ދޭނީ ކަރުދާސް ހޮޅި ނޫނީ ކޮމްޕޯސްޓެބަލް ޕްލާސްޓިކް ހޮޅި،" ސްޓަބަކްސް އިން ބުނެފައިވެއެވެ. މިހާރުވެސް ސްޓާބަކްސް އިން އަންނަނީ އެކުންފުނިން ވިއްކާ ބައެއް ބުއިންތައް ހޮޅިއަކާ ނުލާ ބޮވޭނެ ފަދަ ތަށީގައި ވިއްކަމުންނެވެ.

މި ނިންމުމަކީ ކުންފުނީގެ ހަޔާތުގައި އަޅާ ބޮޑު ފިޔަވަޅެއް ކަމަށާއި މިހާރުވެސް އެކުންފުނިން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ހޯދުމަށް 10 މިލިއަން ޑޮލަރު އިންވެސްޓު ކޮށްފައިވާނެ ކަމަށް ސްޓާބަކްސް އިން ބުނެއެވެ.

ސްޓާބަކްސް ގެ އިތުރުން މެކްޑޮނަލްޑްސް އިންވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެކުންފުނީގެ އައުޓްލެޓުތަކުގައި ޕްލާސްޓިކް ހޮޅި ބޭނުން ކުރުން ހުއްޓާލުމުގެ ޕްރޮޖެކްޓް ފަށާނެ ކަމަށް ބުނެފައެވެ.

ކަނޑުގެ ދިރުންތަކަށް ގެއްލުންދޭ ޕްލާސްޓިކު ބޭނުން ކުރާ މިންވަރު ކުޑަކުރުން އެކި ގައުމުތަކުން ދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގެ އިތުރުން އޭޝިއާގެ ގައުމުތަކުންވެސް އަންނަނީ 2020 ނޫނީ 2025 އަންނަންވާއިރަށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު އެއްކޮށް ހުއްޓާލަން މަަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް