ދިރާގާއި ވިލިމާލެ ހިޔާއަށް މޮޅެއް، ވިލިމާލެ ޕޮލިހާއި ޔޫތު މިނިސްޓްރީގެ މެޗު އެއްވަރު

ވިލި މުއައްސަސާ ކަޕް 2018ގައި ދިރާގާއި އެމްއާރްސީސީ ކޯސްޓްގާޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-2ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގައި މިރޭ ދިރާގާއި އެފްސީ ވިލިމާލެ ހިޔާ މޮޅެއް ހޯދި އިރު، ވިލިމާލެ ޕޮލިހާއި ޔޫތު މިނިސްޓްރީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި އެމްއާރްސީސީ ކޯސްޓްގާޑް އަތުން ދިރާގު މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދިރާގުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފައުޒާން ހަބީބް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޔާމީނެވެ. ކޯސްޓްގާޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ނަބީލާއި ހުސައިން ގަފީޒެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ދިރާގުގެ ފައުޒާން ހަބީބަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އެޑްމިން އެންޑް ފައިނޭންސް މެނޭޖަރު އަލީ ފާތިހެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ދިރާގާއި އެމްއާރްސީސީ ކޯސްޓްގާޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-2ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުގައި އުރީދޫ މޯލްޑިވްސް އަތުން އެފްސީ ވިލިމާލެ ހިޔާ މޮޅުވީ 10-7ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިލިމާލެ ހިޔާއިން ޖެހި ދިހަ ލަނޑުގެ ތެރެއިން ހަތް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ވިފާގެވެ. އޭގެ އިތުރުން ވިލިމާލެ ހިޔާއަށް އަބްދުﷲ މުއާޒް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، މުހައްމަދު ޝަރީފް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

އުރީދޫން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު އަނަސް ކާމިޔާބުކޮށްދިން އިރު، މުހައްމަދު މާޖިދު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމަށް ސޮފްވާން އަހްމަދާއި ތޯހާ އަބްދުލް ސަމަދު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލިމާލެ ހިޔާގެ އިސްމާއިލް ވިފާގަށް އިނާމު ހަވާލުކޮށްދެއްވީ ވިލިމާލެ ޕޮލިސްގެ ހެޑް، އަހްމަދު ރަމްޒީއެވެ.

ވިލިމާލެ ޕޮލިހާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި 'ގްރޫޕް ސީ'ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ވިލިމާލެ ޕޮލިހުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ މުނާޒާއި އަލީ އީނާޝްއެވެ. ޔޫތު މިނިސްޓްރީގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ނަސޫހް ރަޝީދެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ވިލިޖޯލީގެ ޗީފް ވޮލަންޓިއަރ މުހައްމަދު ޝިހާބެވެ.

ރޭ ފެށުނު ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ދިރާގާއި އެމްއާރްސީސީ ކޯސްޓްގާޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-2ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

  • ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
  • ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
  • ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
  • ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް