ނަތީޖާތަކުން ދައްކައިދެނީ ރާއްޖޭގައި ފޯރުކޮށްދޭ ތައުލީމްގެ ފެންވަރު ރަނގަޅުކަން: އެޑިއުކޭޝަން މިނިސްޓަރު

"ޓޮޕް އެޗީވާސް އެވޯޑް" ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއް އަހަރަށް ވުރެ އަނެއް އަހަރަށް ރާއްޖޭގެ ދަރިވަރުން ބައިނަލްއަގުވާމީ އިމްތިހާނުތަކުން ހޯދާ ކާމިޔާބީތައް އިތުރުވުމަކީ ރާއްޖޭގައި ފޯރުކޮށްދޭ ތައުލީމްގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ސާނަވީ މަތީ ތައުލީމް ހާސިލްކުރާ ކުދިންގެ ތެރެއިން ފާހަގަކޮށްލެވޭ ނަތީޖާ ހޯދާ ކުދިންނަށްދޭ ޓޮޕް އެޗީވާސް އެވޯޑް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު ޝިހާމް ވިދާޅުވީ 2017 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް އޭލެވެލްގެ އެއްވަނައިގައި ދަރިވަރުން ހިމެނުނު އަހަރެއް ކަމަށާއި އެކަމުން ދޭހަކޮށްދެނީ ތައުލީމީ ދާއިރާއަށް އަންނަމުންދާ ކުރިއެރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން އައުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި އަދި އެ މަސައްކަތް ފުރިހަމަ ކޮށްދިނުމަށް ބެލެނިވެރިންނާއި ޓީޗަރުން އަދި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކިއެކި މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް މި ސަރުކާރުން ފޯރުކޮށްދެމުންދާ ތައުލީމްގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ކުރިއަށް ދެވޭނެ ދާއިރާއެއް ތައުލީމީ ނިޒާމުގެ ތެރެއަށް ތައާރަފްކޮށް ކުރިއަށްދާ ކަމަށާއި އޭގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އެދެވޭ ކުރިއެރުން އަންނަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ސްކޫލަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ހުޅުވާލެވިފައިވާ ސްކޫލެއް ކަަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެ ކުދިންނަށްވެސް އެންމެ ޒަމާނީ ތައުލީމް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 5000 އަށް ވުރެ ގިނަ ކުދިންނަށް މަތީ ތައުލީމް ފޯރުކޮށްދެވުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޭލެވެލް ފުރިހަމަކުރި ކުދިންގެ ތެރެއިން ފަސް މާއްދާއިން އޭ ހޯދައިގެން 47 ދަރިވަރަކު އެއްވަނަ ހޯދާފައިވާ ކަމަށެވެ.

comment ކޮމެންޓް