ސްޓެލްކޯ އަތުން އެމްޓީސީސީއަށް ފަސޭހަ މޮޅެއް

ވިލި މުއައްސަސާ ކަޕް 2018ގައި އެމްޓީސީސީއާއި ސްޓެލްކޯ ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 5-1ގެ ނަތީޖާއަކުން --- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގައި ސްޓެލްކޯ ވިލިމާލެ އަތުން އެމްޓީސީސީން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ފެށުނު އެ މުބާރާތުގެ ދެވަނަ މެޗުގައި ސްޓެލްކޯ އަތުން އެމްޓީސީސީ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އެމްޓީސީސީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުނީއެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް ސިއާދާއި އަލީ މުނާޒް އަދި އިބްރާހިމް ނަޒީހެވެ.

މެޗުގައި ސްޓެލްކޯއިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޖައުފަރެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމްޓީސީސީގެ އިބްރާހިމް ނަޒީހަށް އިނާމު ހަވާލުކޮށްދެއްވީ ވިލިމާލެ ފެރީ ޔުނިޓްގެ ސީނިއާ މެނޭޖަރު އިބްރާހިމް ސިރާޖެވެ.

އެމްޓީސީސީއާއި ސްޓެލްކޯ ވިލިމާލެ ހިމެނެނީ 'ގްރޫޕް އޭ'ގައެވެ. އެ ދެ ޓީމާއެކު ދެން އެ ގްރޫޕުގައި ހިމެނެނީ ކްލަބު ވެމްކޯއާއި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވް ގޭސްއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ވަނީ 3-1ގެ ނަތީޖާއަކުން މޯލްޑިވް ގޭސް ބަލިކޮށްފައެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި އެމްޓީސީސީއާއި ސްޓެލްކޯ ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 5-1ގެ ނަތީޖާއަކުން --- ފޮޓޯ/ އިމޭޖާސް އެމްވީ

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

  • ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
  • ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
  • ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
  • ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް