ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވް ގޭސް ބަލިކޮށް، މުބާރާތުގައި އަލަށް ވާދަކުރާ ކްލަބު ވެމްކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.
ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ފެށުނު އެ މުބާރާތުގެ ފުރަތަމަ މެޗުގައި މޯލްޑިވް ގޭސްގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ވެމްކޯއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އިމޭޖާސް އެމްވީ
ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެޓީމުން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ޒިޔާދެވެ. މޯލްޑިވް ގޭސްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ވިޝާހުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވެމްކޯގެ އިބްރާހިމް ޖުނާހަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އެޗްއޯޑީ މުހައްމަދު ނާޒިމެވެ.
މޯލްޑިވް ގޭސްއާއި ވެމްކޯ ހިމެނެނީ 'ގްރޫޕް އޭ'ގައެވެ. އެ ދެ ޓީމާއެކު ދެން އެ ގްރޫޕުގައި ހިމެނެނީ އެމްޓީސީސީއާއި ސްޓެލްކޯއެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ވެމްކޯއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އިމޭޖާސް އެމްވީ
ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.
ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:
- ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
- ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
- ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
- ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕް 2018ގައި ވެމްކޯއާއި މޯލްޑިވް ގޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އިމޭޖާސް އެމްވީ
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.